06 Jul 2017, 18:18
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޖަޕާނު ސަރުކާރާ ދެމެދު ފްރީ ޓްރޭޑް ހަވާސާ ޑީލެއް ގާއިމުކުރުމަށް އެއްބަސްވެއްޖެ އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ތަކެތި ގަނެވިއްކާ އުފުލާ ހެދުމުގައި އެއްވެސް ޓެރިފް ޗާޖެއް ނުހިމެނޭނެ ކަމަށްވެ އެވެ. މިގޮތަށް ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިޞާދީ ހަބްތަކުގެ ތެރޭގައި ހިމެނޭ ޖަޕާނާއި އީޔޫއާ އެއްބަސްވެވުނު ކަމުގައިވިޔަސް މިއެއްބަސްވުމުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މީގެ އިތުރުން މި އެއްބަސްވުމަށް އަދި އިތުރު ކަންކަމެއް އިތުރު ކުރެވޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ބްރުސެލްސްގައި ކުރިއަށް ދިޔަ މި އެއްބަސްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖާން-ކްލައުޑް ޖުންކާ ސޮއިކުރެއްވީ އެ ދެ ބޭފުޅުން ވެސް ޖީ20 ސަމިޓަށް ކުރެއްވި ޒިޔާރަތުގައެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުން ރަމްޒުކޮށްދެނީ އީޔޫއިން ދުނިޔޭގައި ވިޔަފާރީގެ މަޝްރަހު ފުޅާކޮށް ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަމެވެ.
މީގެ އިތުރުން ޓަސްކް ފާހަގަކުރެއްވި ގޮތުގައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުން އީޔޫއަށް މިފަދަ ފްރީ ޓްރޭޑް ޑީލްތައް ޕްރޮމޯޓް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ހީވުން ބަދަލުވެގެންދާނެ އެވެ.