08 Jul 2017, 15:38
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީން ވަނީ، "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ ނަމުގައި ވަރަށް ޚާއްސަ މައުރަޒެއް އިއުލާނުކޮށްފައެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު، ޖޫން 5 އިން ފެށިގެން 31 ޖުލައި 2017ގެ 15:00އާ ހަމައަށް ހުޅުވާލެވިފައި ވެއެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭފޯމު،www.recycles.mwsc.com.mvއިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމުތައް ހުށަހެޅުމަށް[email protected]އީމެއިލް ކުރެވެނެއެވެ. ހާޑްކޮޕީ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ކައުންޓަރާ ހަވާލުކުރަންވީއެވެ.
އެމްޑަބްލިއުއެސްސީ ރިސައިކަލްސް އަކީ، މުޅި ރާއްޖެއަށް ހާއްސަ ކުރެވިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ފަދަ ތަކެތި ބޭނުން ކޮށްގެން އުފެއްދުންތަކެއް ތައްޔާރުކުރުމުން، އެތަކެތި މި މައުރަޒުގައި ދައްކާލެވޭނެއެވެ.
މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭން އެކިއެކި ވަނަވަނައަށް އަންނަ ފަރާތްތަކަށް ހުށަހަޅާފައިވާ ޖުމުލަ ފައިސާގެ އަދަދު 820،000 ރުފިޔާއަށް އަރާއިރު އެމްޑަބްލިއުއެސްސީ ރިސައިކަލްސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ކެޓަގަރީ "އޭ" އަކީ ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމަށް ޚާއްސަކުރެވިފައިވާ ކެޓަގަރީއެވެ. އެގޮތުން މި ކެޓަގަރީގައި (17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ ބޭފުޅުން)، ސްކޫލް އަދި ކުންފުނިތައް (ސަރުކާރު އަދި ސަރުކާރު ޙިއްސާވާ ކުންފުނި، އަމިއްލަ ކުންފުނި، އެންޖީއޯ އަދި ރިސޯޓްސް) ހިމެނޭނެއެވެ.
ކެޓަގަރީ "ބީ" އަކީ ޙާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްސަ ކެޓަގަރީއެވެ. މި ކެޓަގަރީ ބަހާލެވިފައި ވަނީ ހަތް ބަޔަކަށެވެ. މި ގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިން ޑްރޯމް، އޯޓިސްޓިކް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މި ކެޓަގަރީގައި ހިމެނޭނެއެވެ.
"އެމްޑަބްލިއުއެސްސީ ރިސައިކަލްސް" މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތެއް ހޮވައި، އެ ފަރާތްތަކަށް ކަނޑަ އެޅިފައިވާ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.
މައުރަޒުގައި ބައިވެރިވެރިވާ ފަރާތްތަކުން ތައްޔާރުކުރާ ތަކެތީގެ މަސައްކަތް ކުރިއަށްދާގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ޚާއްސަ ޓެގްލައިނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. އެއީMWSCRecycles2017#RivethiRaajjeMageyRaajje#އެވެ.
"އެމްޑަބްލިއުއެސްސީ ރިސައިކަލްސް" މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 20 އިން 24 އަށެވެ.
މައުރަޒުގައި ބައިވެރިކުރާ އާޓްވޯކްތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 16 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 17:00އެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ، ނޭޝަނަލް އާޓްގެލަރީގެ ހޯލުގައެވެ.