އަންނަ އަހަރު ނިމުމުގެ ކުރިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 7000 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި، އެ ޔުނިޓުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފްލެޓު ހައްގުވާ ފަރާތްތަކާ ހަވާލު ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި މިއަދު ފެށި ފައިނޭންޝަލް އެކްސްޕޯ 2017 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފެންވަރުގެ 40،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށް އެބަ ދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރު އިމާރާތްކުރުމުގެ ގޮތުން އެތައް ހާސް ހައުސިން ޔުނިޓެއް އަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު އެތަނުގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްގެ ދަށުން 7،000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ދައުރު ނިމުމުގެ ކުރީގައި މި 7000 ހައުސިން ޔުނިޓަށް ވަންނާނެ މީހުން ކަނޑައަޅައި އެ 7000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކާ އެ ތަން ހަވާލު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެކަމުގެ އަމަލީ މަސައްކަތް ވަނީ ފަށައި ލޯނު އެގްރީމެންޓުގައި ސޮއި ވެސް ކޮށްފަ އެވެ.

މިހާތަނަށް ހުޅުމާލޭގައި މީހުން މީހުން ދިރިއުޅެމުން އައީ ގާތްގަނޑަކަށް 2،400 ހައުސިން ޔުނިޓްގައި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުޅުމާލޭގައި އެކަށީގެންވާ މިންވަރަށް ގެދޮރު އިމާރާތްކުރެވިފައި ނުވާ ކަމަށެވެ.

"އެހެންކަމުން މިދިޔަ ދުވަސްތަކަށް ބަލާއިރު މާލޭގެ ހައުސިން ސޮލިއުޝަނެއްގެ ގޮތުގައި ހުޅުމާލޭގައި އެޗީވްކުރަން ބަލާއިރު އެއީ ވަރަށް ކުޑަ އަދަދެއް. ރައީސް ޔާމީންގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދެވަނަ ފިޔަވައްސެއް ހިއްކައި ހުޅުމާލެ ޔޫތު ސިޓީގެ ގޮތުގައި 240 އެއްހާ ހެކްޓަރު ވަނީ ހިއްކާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ހައުސިން ލޯނު އާއްމު ފަރާތްތަކަށް ލުއި ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ މާލެ ސަރަހައްދުގައި ގިނަ ހައުސިން ޔުނިޓްތަކެއް އަޅަން ފުރުސަތު ހުޅުވާލެވި އަދި މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.