އާކިއޮލޮޖިސްޓުންގެ ގުރޫޕަކުން އިރުމަތީ ޗައިނާގެ ފަސް ހާސް އަހަރުވީ ގަބުރުސްތާނަކުން މިނި ކަށިތަކެއް ހޯދައި އެވެ.

މިގަބުރުސްތާނުން ހޯދުނު މިނި ކަށިތަކުގެ ހާއްސަކަމަކީ މިއީ އިސްކޮޅުން ދިގު އަދި ވަރަށް ކުރީ ޒަމާނުގައި އުޅެފައިވާ އިންސާނުންތަކެއްގެ ކަށިތަކަކަށް ވުމެވެ.

މި އިންސާނުންގެ ކަށިތައް ފެނިފައި ވަނީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސަށް ނިސްބަތްވާ އަވަށެއް ކަމަށްވާ ޒިއާއޮޒިއާއޮ އިންނެވެ.

މިއިންސާނުންގެ އެވްރެޖް ދިގުމިނުގައި 1.8 މީޓަރު ނުވަތަ 5 ފޫޓް 11 އިންޗި ހުރި އިރު އެޒަމާނުގައި ޗައިނާގައި އުޅުނު މީހުންނާއި އަޅާ ބަލާއިރު މިއީ އެމީހުންގެ އެވްރެޖް އިސްކޮޅަށްވުރެން ދިގު އިސްކޮޅެކެވެ. އަދި މިއަދުގެ ތާރީހަށް ބެލިކަމުގައި ވިޔަސް ޗައިނާގެ އާބާދިގެ ބޮޑު އިންސައްތައެއްގެ އެވްރެޖް އިސްކޮޅު މިއަށް ވުރެން ކުރެވެ.

ފޮޓޯ: ޔޫޓިއުބް

މިގަބުރުސްތާނުން ފެނުނު އެއް ކަށިގަނޑުގެ އިސްކޮޅުގައި 1.9 މީޓަރު ނުވަތަ ހަ ފޫޓް ތިންއިންޗި ހުއްޓެވެ. މިއީ އެޒަމާނުގެ މީހުންގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑުތަން އިސްކޮޅުން ދިގު އިންސާނެއްގެ ހަށިގަނޑެއް ކަމުގައި އާކިއޮލޮޖިސްޓުންގެ ޓީމުން ބުނެ އެވެ. އަދި މީގެ އިތުރުން މިޓީމުގައި ހިމެނޭ ޝަންޑޮންގް ޔުނިވާސިޓީގެ ހިސްޓްރީ އެންޑް ކަލްޗާ ސްކޫލަށް ނިސްބަތްވާ ފޭންގް ހުއި ވިދާޅުވީ "މި އިސްކޮޅު މިއީ ހަމައެކަނި ހޯދުނު ކަށިގަނޑުގެ އިސްކޮޅަށް އެކަނި ރިއާޔަތްކުރާ އަދަދެއް، އޭނާގެ ޒަމާނުގައި ދިރިހުރި އެމީހާގެ އިސްކޮޅު 6 ފޫޓް ވަރު ވާނެއެވެ."

އާކިއޮލޮޖިސްޓުންގެ އެކިއެކި ހޯދުންތަކުން ދައްކާ ގޮތުގައި އެސަރަހައްދުގެ އޭރުގެ ރަށްވެހިންގެ އެވްރެޖް އިސްކޮޅަކީ 5 ފޫޓް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ އަދަދެކެވެ.