06 Jul 2017, 14:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިވެއްޖެނަމަ ގައުމު ހަލަބޮލި ވާނެ ކަމަށާއި އެފަދަ ކަމަކަށް މަޖިލީހުގެ މެމްބަރުން ފުރުސަތެއް ނުދޭނެ ކަމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހު މަގާމުން ބޭރު ވެއްޖެ ނަމަ ގައުމު ހަލަބޮލި ވެގެންދާނެ ކަމަށާއި އެމްޑީޕީން ބޭނުންވެގެން އުޅޭ ކަމަކީ އެއީ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުންނެއްވެސް ފުލުހުންނާއި ސިފައިންނެއްވެސް އެފުރުސަތު ނުދޭނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މިމަހުގެ 24 ވަނަ ދުވަހަށް އެޖެންޑާ ކޮށްފަ އެވެ. އަދި މިހާރު މެމްބަރުންނަށް ވަނީ ނޯޓިސްވެސް ފޮނުވާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ 45 ސޮއި ލިބުނަސް އެއަށްވުރެ އިތުރަށް މެމްބަރުންގެ ވޯޓު ލިބިގެން ދާނެ ކަމަށެވެ. އެކަމާ ގުޅިގެން ޚަލީލް ވިދާޅުވީ އެއީ އިދިކޮޅު ފަރާތްތަކުން ހިތްހަމަޖައްސާލަން ދައްކާ ވާހަކައެއް ކަމަށާއި އެއީ "ނަނާ ހުވަފެެއް" ކަމަށެވެ.
މެޖޯރިޓީ މެމްބަރުން ތިބީ ރައީސް ޔާމީނާއި ދިވެހި ރައްޔިތުންނާ އެއްކޮށް ކަމަށާއި އެހެންކަމުން މަސީހުގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޚަލީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އިސް މެމްބަރުންތަކެއް ލަންކާއަށް ދިޔައީ އިދިކޮޅާ ގުޅުނު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ގުޅޭނެ ގޮތް ނުވެގެން ބައްދަލު ކުރަން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމަށް ރައްދު ދެއްވައި ޚަލީލް ވިދާޅުވީ ޕީޕީއެމް ޕީޖީގެ އިސް މެމްބަރުންތަކެއް ލަންކާއަށް ދިޔައީ އެކޮޅުގައި ތިބި ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލު ކުރުމަށް ކަމަށެވެ.
އަދި މަސީހާ ދެކޮޅަށް ސޮއިކުރި މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޚަލީލް ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކޮށްފައިވާއިރު އޭގެތެރެއިން ނުވަ މެމްބަރަކު ބުނެފައިވަނީ މަސީހު ބޭރު ކުރަން ޖެހޭ ކަމަށެވެ. އިސްދޫ ދާއިރާގެ މެމްބަރުން އަހުމަދު ރަޝީދު ވިދާޅުވެފައިވަނީ އޭނާ ސޮއި ނުކުރާ ކަމަށާއި އެއީ ފޭކް ސޮއެއް ކަމަށެވެ.