06 Jul 2017, 14:14
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކުޑަކުދިންނާއި ޅަފުރައިގެ ކުދިންގެ ހައްގުތައް ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ އެޗްއާރުސީއެމަށް ހުށަހެޅި މައްސަލަތަކަށް ބިނާކޮށް އެ ކޮމިޝަނުން ނެރުނު ކަރުދާހެއްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހުބައިގައި ކުޑަކުދިންގެ ހައްގުތައް ގެއްލިގެން 18 މައްސަލަ އެއް ހުށަހަޅާފައިވެއެވެ.
އޭގެ ތެރެއިން 14 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ކަހަލަ މައްސަލަތަކެވެ. އަދި އުނގެނުމުގެ ހައްގު ނިގުޅައިގަތުމުގެ ދެ މައްސަލަ އަކާއި ހަޟާނާތާ ގުޅުންހުރި ދެ މައްސަލަ އެއް ވެސް ހިމެނެއެވެ.
ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އެފަދަ ހަ މައްސަލަ އެއް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުށަހެޅިއިރު، ޖިސްމާނީ އަނިޔާ ކޮށްގެން ދެ މައްސަލަ އެއް ހުށަހަޅާފައިވެއެވެ.
އެޗްއާރުސީއެމް އިން ބުނާގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅި ހަ މައްސަލައިގައި ވެސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ ކުއްޖާގެ އާއިލާގެ ތެރެއިން ނުވަތަ ގާތްތިމާގެ މީހެއްގެ ފަރާތުން ކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަތަކެވެ.
އަދި ޖިސްމާނީ އަނިޔާ ކޮށްގެން ހުށަހެޅި ދެ މައްސަލަ އަކީ ވެސް ކުދިންގެ މަންމަ ކުދިންނަށް އަނިޔާ ކުރާ ކަމަށް ބުނެ އާއިލާގެ ފަރާތުން އަދި އަވަށްޓެރިންގެ ފަރާތުން ހުށަހެޅި މައްސަލަތައް ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހެޅި މައްސަލަތައް:
ޖިންސީ އަނިޔާ: 6
- ޖިސްމާނީ އަނިޔާ: 2
- ނަފްސާނީ އަނިޔާ: 0
- މަރު: 1
- އާއިލާގެ ފަރާތުން އިހުމާލު ވެގެން: 3
- ދައުލަތުގެ ފަރާތުން އިހުމާލު ވެގެން: 2
އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނާގޮތުން އުނގެނުމުގެ ހައްގު ނިގުޅައިގަތުމުގެ ގޮތުގައި ހުށަހެޅި ދެ މައްސަލަ އަކީ ވެސް ސްކޫލްތަކުގައި ކުދިންނަށް ނަފްސާނީ އަނިޔާކުރުން ނުވަތަ ހަނގާ ކުރުމުގެ މައްސަލަތަކެވެ.
ހަޟާނާތާ ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި އެޗްއާރުސީއެމް އަށް ހުށަހަޅާފައިވަނީ ކުދިން ފޮރުވައިގެން ގެންގުޅުނު މައްސަލަ އަކާއި ޝަރީއަތް ލަސްވެގެން ހުށަހެޅި މައްސަލައެކެވެ.
އެ ދެ މައްސަލައިގެ ތެރެއިން އެ މައްސަލައަކީ އާއިލާ ރޫޅުމުން، ދަރިން ބަލަހައްޓާ ފަރާތުން، ކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ދަރިންގެ ހަޟާނާތު ކޯޓުން ހަވާލުކޮށްފައިވާ ފަރާތުން ދަރިންނަށް އިހުމާލުވާކަމަށާއި ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ ކަމަށްބުނެ ހުށަހަޅާފައިވަ މައްސަލަ އެކެވެ.