06 Jul 2017, 12:28
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ މަކަރުގައި ޖެހި ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން މިއަހަރުވެސް 10 މީހަކު ހައްޖަށް ފޮނުވަން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްއަށް ފައިސާ ދައްކައިގެން 2012 ވަނަ އަހަރު 126 މީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ސަންއަށް ވިދާޅުވީ މަލީޝާ ޖަމާއަތައް ފައިސާ ދެއްކި މީހުންގެ ތެރެއިން 10 މީހުން މިއަހަރުވެސް ހައްޖަށް ފޮނުވާއިރު ބާކީ ނުފޮނުވި ތިބީ 20 މީހުން ކަމަށެވެ.
އަހުސަން ވިދާޅުވީ ޖާގަ ދޭއިރު އިސްކަންދެނީ ފަރުޟު ހައްޖެއް ކޮށްފައި ނުވާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުންނަށް ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ ތެރެއިން ޖާގަ ލިބޭވަރަކުން މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުން ކޮންމެ އަހަރަކުވެސް ފޮނުވަމުން އަންނަ ކަމަށް އަހުސަން ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ މަލީޝާގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން އެކޯޕަރޭޝަނުން ހައްޖަށް ގެންދަނީ އިސްލާމިކް މިނިސްޓްރީއިން ދޭ ލިސްޓެއްގެ މައްޗަށް ކަމަށާއި އަހަރެއްގެ މައްޗަށް ގެންދަނީ 10 ވަރަކަށް މީހުން ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަލީޝާގެ މަކަރުގައި ޖެހުނު މީހުން ހައްޖަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކުގައެވެ.
މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން ވަނީ، ހައްޖަށް ގެންގޮސްދޭނޭކަމަށް ބުނެ، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެފައިސާއަށް ހިޔާނަތްތެރިވުމުގެ ދައުވާ އުފުލައިފައެވެ. އޭނާގެ މައްޗަށް އަދިވެސް އެމައްސަލާގައި ހުކުމް ކޮށްފައެއްނުވެއެވެ.
މަލީޝާގެ މަކަރުގައި ޖެހި އެތައް ބަޔަކަށް ހައްޖަށް ނުދެވިފައިވާއިރު އޭގެ ތެރޭގައި އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކު ހިމެނެއެވެ.