ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ މަސައްކަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން މާދަމާ ފަށާތީ، މިރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް މީރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ރަޖިސްޓްރޭޝަންގެ މަސައްކަތްކޮށް ނިންމުމަށް މީރާއިން އިލްތިމާސްކޮށްފި އެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނަށް މާދަމާ އަމަލު ކުރަން ފަށާތީ، އެ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ކަންކަން ކުރުމަށް ހަނދާންކޮށްދީފަ އެވެ.

އެގޮތުން ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން 18 ޖުލައިގެ ކުރިން އަދި އޭގެ ފަހުން ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ ލިޔެކިއުންތައް އެނގޭނެހެން، ބަލަހައްޓަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 20 މާއްދާ އަދި 22 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭނެކަމަށާއި މިހާތަނަށް ރަޖިސްޓްރީނުކުރާ ފަރާތްތަކުން ރަޖިސްޓްރީކޮށް ނިންމުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"އަށާރަ ޖުލައި 2011 ގެ ފަހުން ހިންގަވާ ވިޔަފާރީގެ މުއާމަލާތްތަކުގެ ލިޔެކިއުންތައް ބަލަހައްޓަންޖެހުމަކުން ނުވަތަ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަކުން ޓެކްސް ދައްކަންޖެހުނީ ނޫން" ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ތަސްދީގު ކުރެއްވި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން، އެފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާއަށްވުރެ އިތުރުވާނަމަ އިތުރުވާ އަދަދަކުން 15 ޕަސަންޓް ދައްކަން ޖެހެ އެވެ.

މީރާއިން ބުނީ ކުންފުނި، ޕާޓްނަރޝިޕް، ނުވަތަ އެއްވެސް ގާނޫނެއްގެ ދަށުން ހިސާބު ތައްޔާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު 18 ޖުލައި 2011 ދެމެދު ތާރީހެއްގައި ނިމޭނަމަ، 18 ޖުލައިން ފެށިގެން އެފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް އެފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު އަދުލުވެރި ގޮތަކަށް ލަފާކުރުމަށްފަހު އެއަދަދެއް ޖެނުއަރީ 31، 2012ގެ ކުރިން އެއޮތޯރިޓީއަށް ދައްކަންޖެހޭނެ ކަމަށެވެ. އަދި ވިޔަފާރިކުރާ ވަކިފަރުދެއްނަމަ، 18 ޖުލައި އިން ޑިސެމްބަރު 31އާ ހަމައަށް އެފަރާތަކަށް ކުރެވޭނެ ކަމަށް ލަފާކުރާ ވިޔަފާރިއަށްބަލައި އެފަރާތެއްގެ ޓެކްސްގެ އަދަދުވެސް އަދުލުވެރި ގޮތަކަށް ލަފާކުރުމަށްފަހު އެއަދަދެއް ޖެނުއަރީ 31، 2012ގެ ކުރިން އެއޮތޯރިޓީއަށް ދައްކަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް މާދަމާގެ ފަހުން ދައްކާ ފައިސާއިން 10 ޕަސަންޓް ވިތްހޯލްޑިންގ ޓެކްސް ގެ ގޮތުގައި މީރާއަށް ދައްކަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެ ފައިސާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭނެ ކަމަށް ވެސް މީރާއިން ބުނެ އެވެ.