06 Jul 2017, 11:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މިމަހު 24 ވަނަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
މަސީހާ ދެކޮޅަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން މައްސަލަ ހުށަހަޅާފައި ވަނީ 45 މެމްބަރުންގެ ސޮޔާއެކު އެވެ. ގަވާއިދުގައި ބުނާ ގޮތުން މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު އެވެ.
އެނގިފައިވާ ގޮތުން އެމައްސަލަ މިމަހުގެ 24 ވަނަ ދުވަހަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި މިއަދު މެމްބަރުންނަށް ނޯޓިސް ފޮނުވާނެ ކަންވެސް ވަނީ އެނގިފަ އެވެ. މައްސަލަ އެޖެންޑާ ކުރި ނަމަވެސް އަދި މަޖިލީހުގެ ވެބްސައިޓުގައި އެޖެންޑާ އާންމެއް ނުކުރެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ދާނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަ ވާނީ މަޖިލީހުގެ ނައިބު ރައީސް އެވެ.
ނަމަވެސް އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީ ވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އަށް ލިބިގެންދާނެ އެވެ.
މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެންމެ ފަހުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ރޯލް ކޯލް ވޯޓަކަށް ދިއުމުން އިދިކޮޅު މެމްބަރުން ވަނީ ޖަލްސާ ދޫކުރައްވާ ނުކުމެ ވަޑައިގެންފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ބުންމުން ގެންދަނީ ރޯލް ކޯލް ވޯޓަކަށް ދިޔަ ނަމަވެސް މިފަހަރު ވޯޓު ކާމިޔާބު ކުރާނެ ކަމަށެވެ. މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ 10 މަޖިލިސް މެމްބަރުން ވަނީ ސޮއި ކޮށްފަ އެވެ.