ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލަން ފުރުސަތު ލިބުނީ ފުލުހުން އިހުމާލުވުމުގެ ސަބަބުން ކަމަށް ބުނެ އޭނާގެ ބައްޕަ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ތޫނު އެއްޗަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ދުރާލާ ރާވައިގެން ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފުރުސަތު ބަޔަކަށް ފަހިވެގެން ދިޔައީ، ޔާމީން ރަޝީދަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، އޭނާއަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިހުމާލުވުމުން ކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލައިގެ އަޑުއެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުން ސިއްރުކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ދައުވާއަށް ޖަވާބުދާރީވާން އިންކާރުކޮށްފަ އެވެ.

ޔާމީން ރަޝީދުގެ އާއިލާ އިން ބުނީ ހާމަކަމާ އެކު ޝަރީއަތްކުރެވުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުން އަންނަ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅުންހުރި މައްސަލައަކަށް ނުވާތީ ޝަރީއަތުގެ އަޑުއެހުން ސިއްރުކުރަން އާއިލާ އިން ވަނީ އިއުތިރާޒުކޮށްފަ އެވެ.

ޝަރީއަތް ސިއްރުކުރުމާ މެދު އިއްޔެ ވަކި ގޮތެއް ނިންމާފައެއްނުވެ އެވެ.

"ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން އެދެނީ މި މައްސަލަ ހާމަކަމާ އެކު ހުޅުވާލެވިގެން ހިންގާ ޝަރީއަތަކަށް ހެދުމަށެވެ. އަދި، ޔާމީނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމުގައި ފުލުހުން ގާނޫނީ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލުވެފައިވާކަން ފުލުހުން ގަބޫލުކުރުމެވެ،" ޔާމީން ރަޝީދުގެ އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.