06 Jul 2017, 11:47
މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލްހަރަމްގެ މުދައްރިސްކަން ކުރައްވަމުން ގެންދަވާ ޑރ. ހަސަން ބިން އަބްދުލްހަމީދު ބިން އަބްދުލްހަކީމް ބުޚާރީގެ ހާއްސަ ދަރުހެއް ރާއްޖޭގައި ދެއްވުމަށް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޑރ. ހަސަން އަކީ ގެފުޅުގެ މުދައްރިސެއްގެ އިތުރުން ސައުދީގެ އުއްމުލްޤުރާ ޔުނިވާސިޓީގެ އަރަބި ބަސް އުނގަންނައިދިނުމާ ބެހޭ އިންސްޓިޓުޓްގެ ޑީން އެވެ.
ސައުދީ އަރަބިއްޔާގެ ތަފާތު ދީނީ ކައުންސިލްތަކާއި މަޖިލިސްތަކުގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާފައިވާ ޑރ. ހަސަން ވަނީ 1436 ވަނަ އަހަރު މަސްޖިދުލްހަރާމްގައި އިމާމްވެ ތަރާވީހް ނަމާދު ވެސް ކުރައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޑރ. ހަސަންގެ ދީނީ ތަގުރީރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ މަޢްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމީ އެއްބައިވަންތަކަމާ އޭގެ ސަބަބުން މުޖުތަމައުއަށް ކުރާ އަސަރުތައް" ތަކާ ގުޅޭ ގޮތުންނެވެ.
މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑަައިގަތް ޑރ. ހަސަން އާއެކު ޑރ. އަހުމަދު ޒިޔާދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އެމަނިކުފާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވާ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ، ރާއްޖޭގެ އިސްލާމީ ތާރީހާ ގުޅޭ ބައެއް މައުލޫމާތު ޑރ. ހަސަންއާ ހިއްސާ ކުރައްވާފައެވެ.
ޑރ. ހަސަންގެ ދަތުރުފުޅުގައި ރާއްޖޭގެ ދީނީ ބައެއް މުއައްސަސާތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިިރު އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގެ ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކުރައްވާނެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ތިއްބެވި ސައުދީ ގުރެޖުއޭޓުންނާއި ސައުދީ އެމްބަސީގެ ބޭފުޅުންނާ އެއްކޮށް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އިމާމުންނާ ހަތީބުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލު ކުރައްވާ އެބޭފުޅުންނަށް ހާއްސަކޮށް ދީނީ ނަސޭހަތް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
ޑރ. ހަސަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ހަ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ސައުދީއަށް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.