06 Jul 2017, 10:47
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީގޮތެއް ބުނެދީފައި ނުވާތީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް އޭނާގެ މަންމަ ދައުވާކޮށްފި އެވެ.
ރިލްވާން ގެއްލިފައި ވަނީ 7 އޯގަސްޓް 2014 ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މާލެއިން ފުރައިގެން ހުޅުމާލެއަށްދިޔަ ފަހުންނެވެ.
ރިލްވާންގެ މަންމަ، އާމިނަތު އީސާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ރިލްވާން ވަގަށް ނަގައި އޭނާއަށް ވީގޮތެއް ނޭނގި ގިނަ ދުވަސްތަކެއްވެގެން ދިޔައިރު، ފުލުހުން ކޮށްފައިވާ ތަހުގީގުގެ އަލީގައި އޭނާއަށް ވީގޮތެއް ބުނެދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ފުލުހުން އެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
މައުލޫމާތު ލިބިގަތުމުގެ ހައްގަކީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވެފައި، މައުލޫމާތު ހޯދުމުގެ އަމުރަކަށް އެދުމުގެ ގާނޫނީ ހައްގު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ލިބިދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އެފަދަ އަމުރެއްކޮށް ދިނުމަށް ވަނީ އެދިފަ އެވެ.
ރިޟްވާންގެ އާއިލާ އިން ބުނީ އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލައާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު އާއިލާއަށް ފުލުހުން ހާމަނުކުރަނީ ފުލުހުންގެ މައްޗަށް އޮތް އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް އާއިލާއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
އަދި ރިލްވާނަށް ވީގޮތުގެ މައުލޫމާތު އާއިލާއަށް ލިބެން އޮތް ހަމައެކަނި ފުރުސަތަކީ ޝަރުއީ ކޯޓަކުން އެމައުލޫމާތު އާއިލާއަށް ހާމަކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުން ކަމަށް ވާތީ ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އާއިލާ އިން ބުންޏެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިތާ ހަތް މަސް ފާއިތުވި ފަހުން، އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުވާއަށް ފުރަތަމަ ފަހަރަށް ޖަވާބުދާރީ ވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބުނެފައި ވަނީ ބަޔަކު ރިލްވާން ވަގަށްނެގުމަށް ފަހު އޭނާއަށް ވީ ނުވީ ގޮތެއް މިހާތަނަށް ފުލުހުންނަށް ހޯދިފައިނުވާ ކަމަށެވެ.
ރިލްވާން ހޯދުމަށް ކެޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތަކުރާރުކޮށް ފުލުހުން ބުނަމުން ދާއިރު، ފުލުހުން ކޯޓުގައި ދީފައިވާ އެޖަވާބަކީ އާއިލާއަށް ގަބޫލުކުރަން ދަތި ޖަވާބައް ކަމަށް ރިލްވާންގެ އާއިލާ އިން ބުންޏެވެ.
"ޝަރީއަތުގައި ވެސް ދަންނަވާފައިވާނެ ފަދައިން، އާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާ އެކު ދިވެހި ދައުލަތުގެ ކިބައިން އެދެނީ، މިމައްސަލައާ ގުޅިގެން ފުލުހުން ހާމަކުރާ މައުލޫމާތު ސިއްރުކުރަން ޝަރުތުކޮށް ނަމަވެސް، އެހާދިސާގެ ހަގީގަތް އާއިލާއާ ހިއްސާކޮށް، އެކަމުގެ ސަބަބުން އާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް ލުޔެއް ހޯދައިދިނުމަށެވެ،" ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.