06 Jul 2017, 08:39
އެތުލެޓިކޯ މެޑްރިޑްގައި އިތުރު އެއް އަހަރު މަޑުކުރުމަށް އެ ކްލަބުގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް އެއްބަސްވެއްޖެއެވެ.
އެތުލެޓިކޯއާއެކު ޓޮރޭސް ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފައިވާއިރު، ދެން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ ކުރިއަށް އޮތް ސީޒަނަށްފަހުއެވެ.
ޓޮރޭސްގެ ފުޓްބޯޅަ ކެރިޔަރު ފެށި އެތުލެޓިކޯއާ ދެވަނަ ފަހަރަށް އޭނާ ގުޅުނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަހު އިޓަލީގެ އޭސީ މިލާނުންނެވެ. އެންމެ ފުރަތަމަ އެތުލެޓިކޯގައި ވިދާލުމަށްފަހު، ޓޮރޭސް ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް އަދި ޗެލްސީގައި ވެސް އަހަރުތަކެއް ހޭދަކޮށްފައެވެ.
މިދިޔަ ސީޒަނަށްފަހު އެތުލެޓިކޯގެ އެއްބަސްވުން ނިމުމަކަށް އައުމަށް ކައިރިވެފައި ވަނިކޮށް، ޓޮރޭސް މެކްސިކޯގެ ލީގާ އެމްއެކްސްއާ ގުޅުމާ ގާތަށް ދިޔަ ކަމަށް ވެސް ހަބަރުތައް ބުނަމުންދިޔައެވެ.
އެތުލެޓިކޯއިން ޓޮރޭސްގެ ކޮންޓްރެކްޓް އާކޮށްފައިވަނީ ޓްރާންސްފާ ގަވާއިދާ ހިލާފުވުމާ ގުޅިގެން އިތުރު ކުޅުންތެރިޔަކު ރަޖިސްޓަރީ ނުކުރެވޭގޮތަށް އެ ކްލަބަށް އަދަބުދީފައި ވަނިކޮށެވެ. އެތުލެޓިކޯއިން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސް (ސީއޭއެސް)އިން ނިންމީ އެ އަދަބަށް ބަދަލު ގެނެވެން ނެތް ކަމަށެވެ. ދެން އެ ކްލަބުގައި އިތުރު ކުޅުންތެރިއެއް ރަޖިސްޓަރީ ކުރެވޭނީ ޖެނުއަރީ ޓްރާންސްފާގައެވެ.
އުމުރުން 33 އަހަރުގެ ފޯވަޑް ވަނީ އެތުލެޓިކޯއަށް ޖުމްލަ 105 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރެއިން އޭނާ 28 ލަނޑު ކާމިޔާބުކޮށްފައިވަނީ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުންނެވެ. އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށްފަހު ޓޮރޭސް ބުނީ، ކްލަބުގައި އިތުރު އެއް އަހަރު ހުރެވޭތީ އުފާކުރާ ކަމަށެވެ.