އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސް ފޯވަޑް އެލެކްސެންޑާ ލަކަޒެޓް، އެ ކްލަބާ ގުޅިއްޖެއެވެ.

ލަކަޒެޓް އާސެނަލާ ގުޅުނުކަން އެ ކްލަބުން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ލިޔޯނުން އާސެނަލާ ގުޅުނީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ލަކަޒެޓް އައުމުގެ ކުރިން އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ 2013 ވަނަ ރެއާލް މެޑްރިޑުން އެ ކްލަބަށް ގެނައި ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްއެވެ. އޭރު އޭނާ އާސެނަލާ ގުޅުނީ 42.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އެކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ލަކަޒެޓް އެ ކްލަބާ ގުޅެން އެއްބަސްވެފައިވަނީ ދިގު މުއްދަތަކަށެވެ. އަދި މި މަހުގެ 29 ނުވަތަ 30 ވަނަ ދުވަހު އެމިރޭޓްސް ކަޕްގައި މެޗެއްގައި ފުރަތަމަ ފަހަރަށް އޭނާ އާސެނަލުން ފެނިދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އުމުރުން 26 އަހަރުގެ ފޯވަޑް ލަކަޒެޓް ވަނީ ލިޔޯނަށް މިދިޔަ ސީޒަނުގައި ކުޅުނު 45 މެޗުން 37 ލަނޑު ކާމިޔާބުކޮށްދީފައެވެ.