17 Jul 2011, 20:37
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތްތައް "ވަތަނިއްޔާ ފޯ ބިޒްނަޒް" ނަމުގައި އެކުންފުނިން މިއަދު ތައާރަފްކޮށްފި އެވެ.
ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައާރަފްކުރި "ވަތަނިއްޔާ ފޯ ބިޒްނަޒް"ގައި ހަތަރު ޕެކޭޖެއް ހިމަނާފައިވެ އެވެ. އެއީ މިހާރު ވެސް ބޭނުންކުރަމުންދާ އެމްވީޕީއެން ހިދުމަތާއި ޑަބްލިއު ލޮކޭޓް އަދި އެންޓަޕްރައިސަސް ސޮލިއުޝަންގެ އިތުރުން މުޅިން އަލަށް ތައާރަފްކުރި ޑަބްލިއު ބިޒް އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފްކުރި ޑަބްލިއު ބިޒް ޕެޖޭކުގައިވާ ގޮތުން، ކުންފުންޏެއްގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ އެވެ.
ވަތަނިއްޔާގެ އެސިސްޓަންޓް މެނޭޖާ ސޭލްސް، އިޝާން އަހްމަދު މިއަދު ވިދާޅުވީ، އެ ޕެކޭޖުގައި ބައިވެރިވެވޭނީ ޕޯސްޓް ޕެއިޑް ބޭނުންކުރާ ކަސްޓަމުންނަށް އެކަނި ކަމަށެވެ. މަހަކު 75ރ. ގެ ފީއެއް ނެގުމަށް ހަމަޖައްސާފައިވާ މި ޕެކޭޖު ނެގޭނީ މަދުވެގެން ފަސް ޕޯސްޓްޕެއިޑް ކަސްޓަމަރުން ހަމަވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ފަހުން އިތުރު މުވައްޒަފުން ވެސް ބައިވެރިކުރެވޭނެ ކަމަށާއި ޕެކޭޖުގައި ބައިވެރިކުރާ މުވައްޒަފުންގެ މެދުގައި ހިލޭ ގުޅައި، އަދި އެސްއެމްއެސް ފޮނުވޭނެ ކަމުގައި އިޝާން ވިދާޅުވި އެވެ.
މި ހިދުމަތުގެ އިތުރުން މިއަދު ރަސްމީކޮށް ލޯންޗުކޮށްފައިވަނީ "ޑަބްލިއު މައިފައި" އެވެ. މިއީ ކޮންމެ ތަނެއްގައި ހުރެގެން ވެސް، ހާއްސަ މޮޑަމެއް ބޭނުންކޮށްގެން މަދުވެގެން ފަސް ޑިވައިސަށް އިންޓަނެޓް ކަނެކްޝަން ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ހިދުމަތެކެވެ.
ވަތަނިއްޔާ އިން ބުނި ގޮތުގައި މި ހިދުމަތް ތައާރަފްކޮށްފައި ވަނީ އެކުންފުނީގެ ކޯޕަރޭޓް ކްލައިންޓުންނަށް ހާއްސަކޮށްގެންނެވެ. ޑަބްލިއު މައިފައި މޮޑަމެއްގެ އަގަކީ 1800ރ. އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަތަނިއްޔާގެ ޑަބްލިއު ލޮކޭޓް އަދި މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް )އެމްވީޕީއެން(އާ ގުޅޭ ޕްރެސެންޓޭޝަނެއްވެސް ދީފައިވެ އެވެ.
އެމްވީޕީއެންއަކީ ބޮޑެތި ވިޔަފާރިތަކާއި އަދި ބޮޑެތި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އިތުރު އަގަކާ ނުލައި ހިލޭ ގުޅޭ، އަދި އެސްއެމްއެސް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެމްއެންޑީއެފާއި އަދި ޕޮލިހުން ވެސް މިހާރު ބޭނުންކުރަމުންދާ މި ޕެކޭޖް ބޭނުންކުރާ ފަރާތްތަކަށް ގުޅުމަށް ބޭނުންކުރަނީ ހަތަރު ނަންބަރުގެ ކޯޑެކެވެ. އަދި ވެބް ޕޯޓަލްއެއް މެދުވެރިކޮށް އެ ޕެކޭޖުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެސްއެމްއެސް އެއް ފޮނުވޭނެ އެވެ.
ޑަބްލިއު ލޮކޭޓް ހިދުމަތަކީ އުޅަނދުފަހަރު ލޮކޭޓް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. ވަތަނިއްޔާއިން ބުނި ގޮތުގައި، ކުޑަ ޓްރެކިން ޑިވައިސްއަކާއި މޯބައިލް ކަނެކްޝަނެއްގެ އެހީގައި އަގުބޮޑު މުދަލާއި އުޅަނދު ފަހަރު ރައްކާތެރިކަން ޔަގީންކުރެވޭނެ ކަމަށާއި އެއްގަމު އުޅަނދެއް އަދި ކަނޑުގައި ދުއްވައި އުޅަނދެއް ކަމުގައި ވިޔަސް އެ އުޅަނދެއް އޮތް ތަނާއި ހާލަތު އިންޓަނެޓް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ.
ވަތަނިއްޔާގެ އެންޓަޕްރައިސަސް ސޮލިއުޝަން ޕެކޭޖަކީ ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ހައި ސްޕީޑް އިންޓަނެޓާއި، ނެޓްވޯކް ވިއުގަ ގާއިމްކޮށްދިނުމުގެ އިތުރަށް ވައި ފައި ސްޕޮޓްތައް ހަދައިދިނުމުގެ ހިދުމަތްދޭ ޕެކޭޖެއް ކަން ވެސް އެކުންފުނިން ފާހަގަކުރި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަތަނިއްޔާގެ ޗީފް އޮޕަރޭޓިން އޮފިސާ ސްޓެފަން ސްމިތު މިއަދު ވިދާޅުވީ، އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި ވަކިވަކި ފަރުދުންނަށް މުވާސަލާތީ ހިދުމަތްތައް ދިނުމުގެ އިތުރަށް، ވިޔަފާރިތަކަށް ފައިދާވާނެ އާ ހިދުމަތްތަކެއް ތައާރަފްކުރުމަށް ކަމަށެވެ. އޭގެ ސަބަބުން ކުންފުނީގެ ހަރަދުތައް ކުޑަވެ، އިތުރަށް ފައިދާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރިހަމަ ހިދުމަތްތަކެއް މި ފޯރުކޮށްދެނީ ހަމައެކަނި ވަކިވަކި ފަރުދުންނަކަށް ނޫން. މިއަދު އަޅުގަނޑުމެން ފަހުރުވެރިކަމާ އެކު މި ތައާރަފްކުރަނީ ވިޔަފާރިތަކަށް ހުރި ފުރުސަތުތައް. ކޮންމެ ވިޔަފާރިއެއް ވެސް ތަފާތު. އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ޓީމުން ވިޔަފާރި ކުންފުނިތަކުގެ ބޭނުމަށް ބަލައި މި ހިދުމަތްތައް ތައްޔާރުކުރާނީ. މިހުރިހާ ކަމެއްގެ ވެސް ބޭނުމަކީ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން." ސްޓެފަން ވިދާޅުވި އެވެ.