ގައުމީ ވޮލީބޯޅަ ޓީމުތައް ރިފޯމް ކުރުމުގެ މަސައްކަތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ފަށައިފިއެވެ.

ވީއޭއެމްއިން ވަނީ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިން ގެންގުޅެންޖެހޭ އަހުލާގީ މިންގަނޑާއި ގައުމު ތަމްސީލުކުރާއިރު ގެންގުޅެންޖެހޭ ވިސްނުން ކިޔައިދިނުމަށް އިއްޔެ ޕްރޮގްރާމެއް ހިންގައިފައެވެ. އެ ޕްރޮގްރާމުގެ އިތުރުން ރޭ ވަނީ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިން ވަޒީފާގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

ގައުމީ އަންހެން ވޮލީ ޓީމު ރިފޯމް ކުރުމަށް ހިންގުނު ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

ގައުމީ އަންހެން ވޮލީ ޓީމަށް އަމާޒުކޮށްގެން ރޭ ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ދަރުމަޔަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ހަސަން ޝިޔާމެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ، ފެށިގެން މިދިޔައީ ގައުމީ ޓީމު ރިފޯމް ކުރުމުގެ މަސައްކަތް ކަމަށާއި ރޭގެ ޕްރޮގްރާމުގައި ގައުމީ ޓީމަށް ކުޅުންތެރިން ނަގާނެ އުސޫލުތަކާއި ގައުމު ތަމްސީލު ކުރުމަކީ ކިހާވަރެއްގެ މަސައްކަތެއްކަން ކިޔައިދީފައިވާނެ ކަމަށެވެ.

"ގައުމު ތަމްސީލުކުރާއިރު ކޯޑް އޮފް ކޮންޑަކްޓަކީ ކޮބައިކަން ކުޅުންތެރިންނަށް ކިޔައިދެވުނު. ހަމަ އެގޮތަށް ގައުމީ ފިރިހެން ޓީމަށާއި ކޮންމެ އޭޖް ގްރޫޕެއްގެ ގައުމީ ޓީމުތަކަށް ވެސް މި ޕްރޮގްރާމްތައް ހިންގޭނެ،" އޭނާ ވިދާޅުވިއެވެ.

ގައުމީ އަންހެން ވޮލީ ޓީމު ރިފޯމް ކުރުމަށް ހިންގުނު ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

އެ ޕްރޮގްރާމްގެ އިންސްޓްރަކްޓަރު ޝިޔާމް ވިދާޅުވީ، ކުޅުމުގެ ތެރޭގައި ކުޅުންތެރިން ގެންގުޅެންޖެހޭނެ ލީޑާޝިޕާއި މޯޓިވޭޝަންގެ ކަންކަން ކިޔައިދެވުނު ކަމަށާއި އަންހެން ގައުމީ ޓީމުން ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެނަމަ ދެން އަމަލުކުރަން ޖެހޭނެ ގޮތް ވެސް އެ ކުޅުންތެރިންނަށް ކިޔައިދެވުނު ކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ކުރިއަށްދަނީ ރިފޯމް މެނުއަލެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކޮމެންޓްތަކެއް ލިބުނު ކަމަށާއި ކުރިން ސްޕޯޓްސް ކޮމިއުނިކޭޝަނަށް އެއްވެސް އިސްކަމެއް ދެވިފައިނުވާ ކަމުގައި ބައެއް ކުޅުންތެރިން ބުނެފައިވާ ކަމަށެވެ.