06 Jul 2017, 08:55
މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީޕީއެމަށް ނުގެއްލޭނެ ކަމަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން އުޅުއްވަނީ "އަމިއްލަ އިހްސާސްތަކެއްގައި" ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން، މަޖިލީހުގެ މެޖޯރިޓީ ދިނީ ޕީޕީއެމަށް ކަމަށާއި އަދިވެސް ރައްޔިތުން ތިބީ އެގޮތުގައި ކަމަށެވެ. މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި މިވަގުތު ޕީޕީއެމްގެ މެމްބަރުގެ ތެރެއިން ބައެއް މެމްބަރުންގެ އުޅުއްވަނީ އަމިއްލަ "އިހުސާސްތަކެއްގެ" ތެރޭގައެވެ.
"ވަކި ވަކި މެމްބަރުންތަކެއްގެ ތެރެއިން ބައެއް މެމްބަރުން އެބޭފުޅުންގެ ހުރި އަމިއްލަ އިހުސާސްތަކެއްގެ ތެރޭގައި މިވަގުތު އުޅުއްވި ކަމުގައިވިޔަސް އަޅުގަނޑު ދަންނަވާނީ މިކަން ނިމިގެންދާއިރު ލިބޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންނަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ ޒިންމާދާރު ސިޔާސީ މަސައްކަތެއް ނެތުމުން ދެން ކުރާނީ ބޭކާރު މަސައްކަތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޒިންމާދާރު ސިޔާސީ މަސައްކަތެއް ނުކުރާ ކަމަށާއި އެ ބޭފުޅުންގެ ފޯކަސް ހުރީ ފައިސާ އާއި ރިޝްވަތު ދީގެން މެމްބަރުންގެ ފަހަތުން ހިނގައި ގައުމު ހަލަބޮލި ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށެވެ.
އެމްޑީޕީއަކީ މިސްރާބެއް ނެތި ދަތުރު ކުރާ އޮޑިއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕާޓީގެ ސިޔާސަތަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް ހުރިހާ ކަމެއް މުޒާހަރާކޮށްގެން ކުރުން ކަމަށެވެ.
މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ ކުރީގެ ރައީސް މައުމޫނާއި، އިދިކޮޅު ފަރާތްތައް ލީޑަރުކަން ކުރައްވާ ރައީސް ނަޝީދަކީ މުޅިން ދެ ފިކުރެއްގެ ވެރި ދެ ފަރާތްކަމަށްވާއިރު އެ ދެ ފިކުރު އެއް ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.