06 Jul 2017, 00:52
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުންގެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފި އެވެ.
އެމްޑީޕީގެ ނައިބު ލީޑަރުންގެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. ރޮޒައިނާ އާއި އާޒިމްގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުން ހޮވުމަށް ބޭއްވި މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ރޮޒައިނާ އާއި އާޒިމެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 21 މެމްބަރުންގެ ތެރެއިން އެ ދެ މެމްބަރުން އިންތިހާބުވެވަޑައިގެންނެވީ ކިތަށް ވޯޓުން ކަމެއް އެމްޑީޕީއަކުން ހާމަކޮށްފައެއްނުވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އިންތިހާބަކަށް ދާން ޖެހުނީ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް އެކަންޏެވެ.
ރޮޒައިނާ އާއި އާޒިމް މަޖިލީހުގެ މެމްބަރުކަން ކުރައްވަން ފެއްޓެވީ 2009 ވަނަ އަހަރު އެވެ. އެ ދެބޭފުޅުން މަޖިލީހުގެ މެމްބަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
އެ ދެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ޑީއާރްޕީގެ އެތެރޭގައި އުފެދުނު ފެކްޝަންތަކުގެ ކޯޅުމުގައި އެ ޕާޓީ ބައިބައިވެފައިވަނިކޮށެވެ. އެ ކޯޅުންތައް ނިމުނުއިރު، ޑީއާރްޕީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ރޮޒައިނާ އާއި އާޒިމް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވަނީ މީގެ ކުރިން ވެސް އެ ގްރޫޕުގެ ލީޑަރުކަން ކުރައްވާ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެވެ. އިބޫއަކީ 2000 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވާ، ބަރުލަމާނި ހަޔާތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.