ވިޕްލައިނާ ޚިލާފުވެއްޖެނަމަ ނުވަތަ ޕާޓީން ވަކި ވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތަށް އަމުރެއް ނެރެދިނުމަށް އެދި، ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޕީޕީއެމްގެ ސެކަރެޓަރީ ޖެނަރަލް އަދި ނިިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ދޮގު ކުރައްވައިފިއެވެ.

ސަންގުޓީވީގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ ޚިޔާލު ތަފާތުވުންތަކަކީ ކޮންމެ ތަނެއްގައި ވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށާއި އެކަމަކީ މައްސަލައަކަށް ހައްލު ހޯދުމަށް މުހިއްމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޮނޑި ގެއްލޭނެ ކަމަށް ބުނާ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކެއް ކަމަށާއި އެ ފަރާތްތަކަކީ "ބަހަނާ"ތަކެއް ދައްކައިގެން ގައުމު ހަލަބޮލިކޮށްލަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"ހަގީގަތާ ޚިލާފު ވާހަކަތަކެއް އެއީ. ކޯޓަށް ހުށަހެޅި ވާހަކައަކީ މުޅިން ހަގީގަތާ ޚިލާފު ވާހަކައެއް. އިދިކޮޅު ފަރާތްތަކުން އުޅެނީ މިކަހަލަ ދޮގު ބަހަނާތައް ދައްކައިގެން ގައުމު ހަލަބޮލި ކޮށްލަން އުޅޭ ބައެއްގެ ގޮތުގައި އަޅުގަނޑަށް ސިފަކުރެވިގެން ދަނީ،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ވެރިކަމަށް އައުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ "ޚިޔާލީ ފޯލާ އާއި ބިލާހަކީ" އަބަދުވެސް ބައެއް މީހުން ދެކޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ހުންނެވީ ވަރުގަދަ ހިތްވަރާއި އަޒުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ތާއީދު ކުރާ، މިގައުމަށް ހެޔޮ އެދޭ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ކަންބޮޑުވެވަޑައިނުގަންނަވާށޭ،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލު އިތުރަށް ވިދާޅުވީ ޕީޕީއެމް ވައިބާ ގްރޫޕުގައި ދެކެވޭ ވާހަކަތައް މީޑިއާއަށް އެނގޭތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ވަރަށް އުފާވޭ ޕީޕީއެމް ވައިބާ ގްރޫޕުތެރޭ ދެކެވޭ ވާހަކަތައް މީޑިއާއަށް ވެސް އެނގޭތީ. ހަގީގަތުގަ މީގަ މިއުޅެނީ ޕީޕީއެމާ ރައީސް ޔާމީނާ ޚިޔާލު ތަފާތުވެގެންނެއް ނޫނޭ. އަޅުގަނޑުމެން ކަންކަން ރަނގަޅަށް ކުރަން ބޭނުން ވެގެން. ކުރަން ބޭނުންވާތީ ދައްކާ ވާހަކަތަކެއް އެއީ،" ޚަލީލް ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.