ރާއްޖޭގެ ޒުވާން ކުޅުންތެރިން ޔޫރަޕްގެ އެންމެ ބޮޑު ޓެނިސް ސްކޫލްގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް އެ ފުރުސަތު ތަނަވަސްވެގެންދިޔައީ ޖޫނިއާ ޓެނިސް ތަރައްގީކޮށް ކުރިއެރުވުމުގެ މަޤްސަދުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ޓެނިސް އެސޯސިއޭޝަނާއި އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެމްއޯޔޫގައި ސޮއިކުރެވުނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަން ރައީސް އަހްމަދު ނަޒީރެވެ. އަދި އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މިސިޒް އެސިން ގުރަލް އާގަޓްއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ، އެ އެއްބަސްވުމުގެ ދަށުން ތުރުކީގައި ތިން އަހަރުދުވަހު ޓެނިސް ކުރިއަރުވާ ފުޅާކުރުމުގެ ކަންތައްތަކުގައި އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެހީގެ ދަށުން އެއްބާރުލުންދީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ، ތުރުކީގެ އަނަޓޯލިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ޓެނިސް ސްކޫލުގައި ކޮންމެ އަހަރަކު 15 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓީމަށް ޓްރޭނިން ކޭމްޕެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމުގައި ހިނގާ ހުރިހާ ހަރަދެއް އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.