05 Jul 2017, 19:47
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އިތުރަށް ވަރުގަދަ ކުރުމަށް އެ ޓީމަށް ލުބުނާނުގެ ޑިފެންޑަރެއް ގެނެސްފިއެވެ.
ނިއުއަށް ގެނައި ލުބުނާނުގެ ޑިފެންޑަރު ހުސައިން އަލް ދޫރް ވަނީ މިއަދުގެ ވަގުތެއްގައި މާލެ އައިސް، މިއަދު ހަވީރު ކުރިއަށްދިޔަ އެ ކްލަބުގެ ފަރިތަކުރުމުގެ ސެޝަން ވެސް ބަލައިލާފައެވެ.
އައިވަރީ ކޯސްޓަށް އުފަން އުމުރުން 23 އަހަރުގެ ހުސައިނަކީ ފުލް ބެކް، ސެންޓްރަލް ޑިފެންސް އަދި ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ ލުބުނާނުގެ 19 އަހަރުން ދަށް، 17 އަހަރުން ދަށް، 18 އަހަރުން ދަށް، 19 އަހަރުން ދަށް، 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ސީނިއާ ޓީމަށް ވެސް އޭނާ ނަގާފައިވެ އެވެ.
ހުސައިންގެ ފުޓްބޯޅަ ކެރިޔަރުގައި ލުބުނާނުގެ ޕްރިމިއާ ލީގުގައި ވާދަކުރާ އަލް އަހަދާއި ޝަބާބް އަލް ސަހޭލަށް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅުނު ޝަބާބް އަލް ސަހޭލަށް ނިމިގެންދިޔަ ސީޒަނުގައި ދެ ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ނިއުއާ އަލަށް ގުޅުނު ލުބުނާން ޑިފެންޑަރު ހުސައިން އަލް ދޫރް، މިއަދު ހަވީރު ކުރިއަށްދިޔަ ފަރިތަކުރުމުގެ ސެޝަނަށްފަހު އެ ކްލަބުގެ ކުޅުންތެރިންނާއެކު --- ފޮޓޯ/ ނިއު ރޭޑިއަންޓް
ހުސައިންގެ ކެރިޔަރުގައި އޭނާ ހޯދި ކާމިޔާބީތަކަށް ބަލައިލާއިރު، އަލް އަހަދާއެކު 17 އަހަރުންދަށުގެ ލެބަނީސް ޗެމްޕިއަންޝިޕެއް ކާމިޔާބުކޮށް، އެ ޓީމާއެކު ތިން ފަހަރު 18 އަހަރުންދަށުގެ ލެބަނީސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެ ޓީމާއެކު ތިން ފަހަރު 21 އަހަރުންދަށުގެ ލެބަނީސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެ ޓީމާއެކު ތިން ފަހަރު އެލީޓް ކަޕް ކާމިޔާބުކޮށް، އެ ޓީމާއެކު ދެ ފަހަރު ލެބަނީސް ސުޕާ ކަޕް އަދި ހަމަ އެ ޓީމާއެކު ދެ ފަހަރު ލެބަނީސް ޕްރިމިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވެއެވެ.
ހުސައިން ވަނީ މިހާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރިން ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބަށް ތިން އަހަރު އިރުޝާދުދިން ޖޭން ވަންލީގެ ކޯޗުކަމުގެ ދަށުން ވެސް ކުޅެފައެވެ. ނިއުގައި އޭނާ ކުޅެން ޖެހޭނީ ދާދިފަހުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ދުރުކުރުމަށްފަހު އެ ކްލަބުގެ ކޯޗަކަށް ހަމަޖެއްސި ސްޕެއިންގެ އޮސްކާ ބުރުޒޮންގެ ކޯޗުކަމުގެ ދަށުންނެވެ.
މިހާރު ކުރިއަށްދާ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިއުއިން ފެށީ ވެސް ހަތަރު ބިދޭސީ ކުޅުންތެރިންނާއެކުއެވެ. އެ ކުޅުންތެރިންނަކީ މާކޮވިޗް ސްޓެވަންއާއި، ބޮއޭސްޓްރާ ޖަމާލް ރޮމާނޯއާއި، ގަލާޑޯ ވަލްޑޭސް އެޑްރިއަން އަދި އޮގާވާ ކެއިސޫކޭއެވެ.
ނިއުއާ ހުސައިން ގުޅުމާއެކު އޭގެ ތެރެއިން ކުޅުންތެރިޔަކު އެ ކްލަބުން ދޫކޮށްލަންޖެހޭއިރު، އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މާލޭ ލީގު މެޗުގައި ޖަޕާނު މިޑްފީލްޑަރު އޮގާވޯ، އެޓީމުގެ ބެންޗުން ވެސް ފެނިފައެއް ނުވެއެވެ. އޮގާވާއެކޭ އެއްގޮތަށް ހުސައިންއަކީ ވެސް އޭޝިއާއަށް ނިސްބަތްވާ ގައުމެއްގެ ކުޅުންތެރިއެކެވެ. އެފްއޭއެމްގެ ގަވާއިދުގައިވާގޮތުން ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާގެ ކުޅުންތެރިޔަކަށް ވާންޖެހެއެވެ. އެހެންކަމުން ނިއުއިން ދޫކޮށްލާ ކުޅުންތެރިޔަކީ އޮގާވާ ކަމަށް ބެލެވެއެވެ.
ހުސައިންގެ އިތުރުން ނިއުގެ ސްކޮޑު ވަރުގަދަ ކުރުމަށް އަލީ އަޝްފާގު (ދަގަނޑޭ)އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ވަނީ ގެނެސްފައެވެ. ނިއުގެ ފަރިތަކުރުންތަކުގައި މިހާރު އޮއްޕޮ ބައިވެރިވަމުންދާއިރު، ކަކުލުގެ އޮޕަރޭޝަނަށްފަހު ދަގަނޑޭ މިހާރު ދަނީ ރިކަވަރީގެ މަސައްކަތްތައް ކުރަމުންނެވެ.