05 Jul 2017, 19:19
ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށާއި ހިމޭނުން ސަރުކާރު އޮތުމުން ގަޓު ނެތް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ހެންވޭރު ކާނިވަލު ސަރަހައްދަށް އެއްވެ، ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ޒުވާނުން ސަރުކާރާއެކު ތިބެއްޖެނަމަ ސަރުކާރުގެ މަސައްކަތުގައި ބުރަކި ޖައްސާ ބަޔަކު ނުތިބޭނެ ކަމަށެވެ.
ގައުމުގެ އަމާންކަން ގެއްލުވާލާފައި އަޅުގަނޑުމެން ބޭނުންވާ އަމިއްލަ ކަންތައްތައް ހާސިލުކުރާކަށް ބޭނުމެއް ނޫން،ޑރ. ޝައިނީ
"އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރާ އެކު ތިބޭފުޅުން އަޅުގަނޑުމެންނާއެކު ސަރުކާރުގެ ފަހަތުގައި އޮވެގެން ދާ ދިއުމުގައި ބުރަކި ޖައްސާގެ އެހެން ފަރާތެއް ނާންނާނެއޭ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ކުރަންއުޅޭ މަސައްކަތަށް އިޝާރާތް ކުރައްވައި ޝައިނީ ވިދާޅުވީ ސިޔާސީ މާހައުލުގައި ހިނގަމުންދާ ކަންތައްތަކާމެދު ޒުވާނުން ފަރުވާތެރިވެ، ބަލަންޖެހޭ ކަމަށެވެ.
ރައީސް ޔާމިންނަށް ތާއިދު ކުރުމުގެ ގޮތުން ޒުވާނުން މިއަދު ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި މިނިސްޓަރު ޝައިނީ (މ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އޭނާ ވިދާޅުވީ ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށާއި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް ގަޓު ހުރި ކަމަށެވެ.
"ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން، މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ ގަޓްސްއެއް ނުހުންނާނެއޭ. އަޅުގަނޑުމެންގެ ގަޓްސް އެބަހުރި. އިރާދަ ކުރެއްވިއްޔާ ތި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް އަޅުގަނޑުމެން ވެސް ގަޓްސް އެބަހުރި،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އަމިއްލަ ކަންތައްތައް ހާސިލު ކުރުމަށް ގައުމު ހަލަބޮލިކޮށްލައި އަމާންކަން ގެއްލުވާލަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ، މުޅި ގައުމު އެއްކޮށް ހަލަބޮލިކޮށްލައި ގައުމުގައި މި ހުރި އަމާންކަން ގެއްލުވާލާފައި އަޅުގަނޑުމެން ބޭނުންވާ އަމިއްލަ ކަންތައްތައް ހާސިލުކުރާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްވުން ނިންމާލުމަށްފަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ "ނަމަނަމަ" ކިޔާފައި ބުނާ އެއްޗަކަށް އަދި މަޖިލީހުން ނަގާ ވޯޓަކާ ގުޅިގެން ރައީސް ޔާމީންގެ ކެބިނެޓުން އެއްވެސް މެމްބަރަކު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތާ ގުޅިގެން ސަރުކާރު ވަރަށް ޕްރެޝަރަށް ވެއްޓިފައިވޭތޯ ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ "އަޅުގަނޑުމެންގެ މޫނުމަތިން ވެސް އިނގޭނެ އަޅުގަނޑުމެންގެ ޕްރެޝަރެއް ނެތްކަން" ކަމަށެވެ.
ރައީސް ޔާމިންނަށް ތާއިދުކޮށް، ޒުވާނުން މިއަދު ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކާނިވާ ސަރަހައްދުގައި ދޮޅު ގަޑިއެއްހާއިރަށް ބޭއްވި އެއްވުމުގައި ބައިވެރިވި ޒުވާނުން އެ ޒުވާނުންގެ ޝުއޫރުފާޅުކޮށްފައިވެ އެވެ. ޝުއޫރުފާޅު ކުރި ޒުވާނުން ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވައި، އިތުރު ދައުރަކަށް އަނެއްކާވެސް އިންތިހާބު ކުރާނެ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާޒިލް އެ އެއްވުމުގައި ވާހަކަ ދައްކަމުން ވިދާޅުވީ އެތަނަށް އެއްވެ ތިބި ޒުވާނުންނަކީ މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޒުވާނުން ނިސްބަތްވަނީ މަސްއޮޑި، ކުޑަހެންވޭރު، ލޮރެންޒޯ، ވޯންޓެޑް، ޕީކޭ، ބަނޑޭރިކޮށި ސަރަހައްދަށެވެ.
ރައީސް ޔާމިންނަށް ތާއިދުކޮށް، ޒުވާނުން މިއަދު ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް