05 Jul 2017, 19:02
މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ހެންވޭރު ކާނިވަލު ސަރަހައްދަށް އެއްވެ، ރައީސް ޔާމީނަށް ތާއިދުކޮށް އަޑު އުފުލައިފި އެވެ.
ކާނިވަލު ސަރަހައްދަށް އެއްވި ޒުވާނުންގެ ތެރެއިން އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ވަނީ ރައީސް ޔާމީނަށް ތާއިދުކޮށް، ވާހަކަ ދައްކާފަ އެވެ.
މިއަދު ހަވީރު ބޭއްވި ޒުވާނުންގެ އެ އެއްވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެން ޒުވާނުންނަށް ހިތްވަރު ދެއްވައި ވާހަކަފު ދެއްކެވި އެވެ.
ޝައިނީ ވިދާޅުވީ ސަރުކާރުގައި "ގަޓު" އެބަ ހުރި ކަމަށާއި ހިމޭނުން ސަރުކާރު އޮތުމުން ގަޓު ނެތް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.
ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން، މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ 'ގަޓެއް' ނުހުންނާނެއޭޝައިނީ
"ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން، މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ ގަޓްސްއެއް ނުހުންނާނެއޭ. އަޅުގަނޑުމެންގެ ގަޓްސް އެބަހުރި. އިރާދަ ކުރެއްވިއްޔާ ތި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް އަޅުގަނޑުމެން ވެސް ގަޓްސް އެބަހުރި،" ޝައިނީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ، މުޅި ގައުމު އެއްކޮށް ހަލަބޮލިކޮށްލައި ގައުމުގައި މި ހުރި އަމާންކަން ގެއްލުވާލާފައި އަޅުގަނޑުމެން ބޭނުންވާ އަމިއްލަ ކަންތައްތައް ހާސިލުކުރާކަށް."
5 ޖުލައި 2017: ރައީސް ޔާމިނަށް ތާއިދުކޮށް ޒުވާނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި މިނިސްޓަރު ޝައިނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޒުވާނުން ބޭއްވި އެއްވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
ކާނިވަރު ސަރަހައްދުގައި ދޮޅު ގަޑިއެއްހާއިރަށް ބޭއްވި އެއްވުމުގައި ބައިވެރިވި ޒުވާނުން އެ ޒުވާނުންގެ ޝުއޫރުފާޅުކޮށްފައިވެ އެވެ. ޝުއޫރުފާޅު ކުރި ޒުވާނުން ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވައި، އިތުރު ދައުރަކަށް އަނެއްކާވެސް އިންތިހާބު ކުރާނެ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާޒިލް އެ އެއްވުމުގައި ވާހަކަ ދައްކަމުން ވިދާޅުވީ އެތަނަށް އެއްވެ ތިބި ޒުވާނުންނަކީ މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޒުވާނުން ނިސްބަތްވަނީ މަސްއޮޑި، ކުޑަހެންވޭރު، ލޮރެންޒޯ، ވޯންޓެޑް، ޕީކޭ، ބަނޑޭރިކޮށި ސަރަހައްދަށެވެ.