17 Jul 2011, 19:54
ދެވަނަ ޑިވިޒަންގެ ފުޓްބޯޅަ މުބާރާތުގެ ފަހު މެޗްގައި ޔުނައިޓެޑް ވިކްޓަރީއާއި ހުރާ ބައްދަލު ކުރިއިރު ކުޅިވަރުގެ ރޫހާ ހިލާފުވި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔާ އާއި އޮފިޝަލުގެ އިތުރުން އެދުވަހު މެޗް ބަލަން ދަނޑުގައި އިން ވިކްޓަރީ ކުޅުން ތެރިޔާ އިސްމާއިލް ޝާފިއު )ވަކަ އިއްސެ( އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ޖޫރިމަނާކޮށް އަދަބު ދީފި އެވެ.
ޔުނައިޓެޑް ވިކްޓަރީއާ ހުރާ ކުޅުނު މިމެޗްގެ 78 ވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމުގައި ހުރާގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަލާދިން ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ސައްޖާހު )ސައްޖަ( ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ހަތަރު މެޗަށް ސަސްޕެންޑްކޮށް 2000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެފައިސާ ދެން އެންމެ އަވަހަށް ކުޅޭ މެޗްގެ ކުރިން އެފްއޭއެމް އަށް ދައްކާ ހަލާސް ކުރުމަށް މިއަދު އެފްއޭއެމް އިން އެ ކުޅުންތެރިންނަށް ފިޔަވަޅު އަޅައި، ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ރެފްރީ އަށް ބަހުގެ ހަމަލާދީ ބިރު ދެއްކި މައްސަލައިގައި ޔުނައިޓެޑް ވިކްޓަރީގެ އޮފިޝަލް މުހައްމަދު ފަރީޒު ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން އަށް މެޗަށް ސަސްޕެންޑްކޮށް 4000 ރ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ މިމަސް ނިމުމުގެ ކުރިން އެފްއޭއެމް އަށް ދައްކާ ހަލާސް ކުރަން ވަނީ އަންގާފަ އެވެ.
އެދުވަހުގެ ކުޅި ބަލަން ވަދެ ހުރާ ކުޅުން ތެރިންނަށާއި އެކުލަބްގެ އޮފިޝަލުންނަށް ބަހުގެ ހަމަލާދިނުމުން ޑިސިޕްލިނަރީ ކޮމެޓީން އަދަބުދިނީ ވިކްޓަރީ ސްޕޯޓްސް ކުލަބްގެ އިސްމާއިލް ޝާފިޢު )ވަކައިއްސެ( އަށެވެ. އޭނާއަށް ދިން އަދަބަކީ ކުރިއަށް އޮތް ތިންމެޗަށް ސަސްޕެންޑްކޮށް 1000ރ. އިން ޖޫރިމަނާކޮށް އެފައިސާ ދެން އެންމެ އަވަހަށް ވިކްޓަރީ ކޫޅޭ މެޗްގެ ކުރިން އެފްއޭއެމް އަށް ދައްކާށެވެ.