ރާއްޖޭގެ މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނާޖީ އެފިޝަންސީއަށް ރިއާޔަތްކުރާ މިންވަރު ދިރާސާކުރުމަށް މިނިސްޓްރީ އޮފް އެންވަޔާމަންޓް އެންޑް އެނާޖީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޝީ ބިލްޑިންގްގެ އަސަރީ މާލަމުގައި ކުރިޔަށްދިޔަ މިހަފްލާގައި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔާމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފެވެ.

މިދިރާސާއަކީ ސްޓްރެންތެނިންގް ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ދަށުން ހެދޭ ދިރާސާއެކެވެ. މި ޕްރޮޖެކްޓަކީ އެންވަޔާމެންޓް މިނިސްޓްރީއާއި އދ ގެ ތިމާވެއްޓާއިބެހޭ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔާމެންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔާމެންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

އެންވަޔާމެންޓް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ދިރާސާގެ މަގްސަދަކީ އެ ދިރާސާގެ ހޯދުންތަކުގެ އަލީގައި އިމާރާތްކުރުމުގެ ދާއިރާގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް އަދި ސާފުހަކަތަ ބޭނުންކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި މާލީގޮތުން ލުއިފަސޭހަ ގޮތްތައް ތައާރަފް ކުރުމަށް މާލީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެކިއެކި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި އަހަރެއްގެ މައްޗަށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭހުގެ ތެރެއިން 30 ޕަސެންޓް އަދި އުފައްދާ ހަކަތައިގެ 40 ޕަސެންޓް ހިއްސާ ކުރަނީ އިމާރާތްތަކުގެ ދާއިރާ އިންނެވެ. އަދި އިމާރާތްތަކުގެ ދާއިރާއިން ބޭނުންކުރެވޭ ހަކަތަ އުފެއްދުމުން ޖައްވަށް ބޭރުވެގެންދާ ގްރީންހައުސް ގޭހުގެ މިންވަރު ކުރިޔަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ.