05 Jul 2017, 14:23
މާލޭގައި ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ފަދަ ވާޓިކަލް ޕާކިންގް ސިސްޓަމްތަކެއް ހުޅުމާލޭގައިވެސް ބެހެއްޓުމަށް ނިންމައި، އެފަދަ ސިސްޓަމްތަކެއް ހުޅުމަލޭގެ ނުވަ ސަރަހައްދެއްގައި ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މި މަހު އާންމުކޮށްފައިވާ ޑޮކިއުމެންޓްގައި ބުނެފައިވާ ގޮތުން، މަޝްރޫއުގެ ދަށުން ޕާކިންގް ސިސްޓަމްތައް ހުޅުމާލޭގައި ސަޕްލައިކޮށް އިންސްޓޯލްކުރަންޖެހެއެވެ.
ޑޮކިއުމެންޓްގައި ބުނެފައިވަނީ އިންސްޓޯލްކުރަން ޖެހެނީ ދަގަނޑު ސްޓްރަކްޗަރތަކެއް ކަމަށާއި، އޭގައި ތިނެއް ނުވަތަ ފަސް ލެވެލް ހުންނަން ޖެހޭނެ ކަމަށެވެ. ކޮންމެ ލެވެލްއެއްގައި 2،500 ކިލޯގްރާމް އުފުލޭ ވަރުގެ ކެޕޭސިޓީ ހުންނަންޖެހޭނެ ކަމަށާއި، މުޅި ސިސްޓަމުގައި 30 އާ 35 އާ ދެމެދުގެ އަދަދެއްގެ ކާރާއި ޖީޕު ޕާކު ކުރެވެންޖެހޭނެ ކަމަށެވެ.
އަދި މި ސިސްޓަމަކީ ފުލީ އޮޓޮމެޓިކް ސިސްޓަމަކަށް ވާންޖެހޭނެ ކަމަށާއި، އޭގެ މަސައްކަތް ކުރާ އަޑު މާ ގަދަވެގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން އެއީ މާ ގިނައިން މަރާމާތުކުރަން ނުޖެހޭ، ދިގު މުއްދަތަކަށް މަސައްކަތް ކުރާ ސިސްޓަމަކަށް ވާންޖެހޭ ކަމަށާއި، ކާރެއް އޭގައި ޕާކު ކުރުމަށް ނުވަތަ ސިސްޓަމުން ކާރެއް ނެރުމަށް ތިން މިނިޓަށް ވުރެ ދިގު ވަގުތު ނަގަން ޖެހިގެން ނުވާނެ ކަމަށެވެ.
ހުޅުމާލޭގައި ޕާކިންގް ސިސްޓަމް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަން ޖެހެނީ ޖުލައި 12 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، އެޗްޑީސީއަށެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރުގެ ބޭންކް ގެރެންޓީއެއް ހުށަހަޅަން ޖެހެއެވެ.
ހުޅުމާލޭގައި މިފަދަ ޕާކިންގް ސިސްޓަމްތަކެއް އަޅަން ނިންމާފައިވާ އިރު، ހައުސިންގް މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން މާލޭގައިވެސް ޕާކިންގް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފެށިއެވެ. ކާރު ޕާކު ކުރާ 10 މެކޭނިކަލް ސިސްޓަމާއި ސައިކަލު ޕާކު ކުރާ 10 ސިސްޓަމް މާލޭގައި އިންސްޓޯލްކުރާނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވިދާޅުވީ، ކޮންމެ މަހަކު ދެ ޕާކިންގް ސިސްޓަމް ރާއްޖެ ގެނެސް، މިއަހަރުގެ މާޗު މަހުގެ ކުރިން ހުރިހާ ސިސްޓަމެއް އިންސްޓޯލްކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ސިސްޓަމްގެ މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ. އެ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދަނީ ވެލާނާގޭގެ ދެކުނުން، ދަރުމަވަންތަ ސްކޫލާ ޖެހިގެން އޮތް ޕާކިންގް އޭރިއާ ތެރޭގައެވެ.