އޯޓިޒަމް ޖެހިފައިވާ ކުދިން މުޅިދުނިޔޭގައި ވެސް ދަނީ އިތުރު ވަމުންނެވެ. އަދި މިބަލި ރާއްޖެއިން ފެންނަމުންދާލެއް ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެެވެ. މިފަހަރު މިހުށައަޅައިދެނީ އޯޓިޒަމްގެ ވައްތަރެއް ކަމަށްވާ އެސްޕެރްގާ ސިންޑްރޮމް އަށެވެ. އޯޓިޒަމްގެ ތެރޭގައި މިބަލި ހިމެނުނަސް މިބަލިޖެހިފައި ތިބޭ ކުދިންނަކީ އެހެންކުދިންނެކޭ އެއްފަދައިން އުޅޭފަދަ ކުދިންނެވެ. މިބަލިޖެހިފައިވާ މީހުން ދުނިޔޭގެ މަޝްހޫރު މީހުންގެ ތެރޭގައި އުޅެޔޭ ބުނެފި ނަމަ ގަބޫލުކުރާނަން ހެއްޔެވެ؟ އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލަވަލިޔުންތެރިޔާ ޖޭމްސް ޓޭއިލާ ހިމެނެ އެވެ. މިއަށް އިނގިރޭސިން "ހައި ފަންކްޝަނިން އޯޓިޒަމް"އޭ ވެސް ކިޔައި އުޅެ އެވެ. ހަމައެކަނި ތަފާތަކީ މިބަލި ޖެހިފައިތިބޭ ކުދިން މީހުންގެ ތެރޭގައި އުޅޭއިރު ވަރަށް ފާޑަކަށް އުޅުމާއި، ވަކި ކަންތަތަކަށް ޝައުގުވެރިވުމާއި އަދި ބައެއް ކަންތައްތައް މަގިނަގިނައިން ކުރުން ހިމެނެ އެވެ.

ތިރީގައި މިދަންނަވާލަނީ އެސްޕެރްގާ ސިންޑްރޮމް ޖެހިފައިތިބި ކުދިންގެ ފަރާތުން ފެންނާނެ ކަންތައްތަކެވެ.

1 މީހުންނާ އެކުލަވައިގެން އުޅުމުގައި އުނދަގޫވުން

އެސްޕެރްގާ ޖެހިފައިތިބޭ ކުދިންނަށް މީހުންނާ އެކުލަވައިގެން އުޅުމުގައި ވަރަށް ބޮޑު ދަތިތަކެއް ދިމާވެ އެވެ. ބައެއް ކުދިން މީހުންނާ ގުޅިގެން އެއްގޮތަކަށް ވެސް އުޅެން ބޭނުންނުވާ އިރު އަނެއްބައި ކުދިންނަށް މީހުންނާ އެކުލަވައިގެން އެއްގޮތަކަށް ވެސް އުޅޭކަށް ނޭނގެ އެވެ. އެ ހުނަރު އެއްގޮތަކަށް ވެސް އެކުދިންނަށް ލިބިފައި ނެތީ އެވެ. ކުއްލިއަކަށް ކަމާ ނުގުޅޭ ވާހަކަ ވެސް މިބަލިޖެހިފައިވާ ކުދިން ދައްކަފާނެ އެވެ. އަދި ވާހަކަ ދެއްކުމުގައި ހަށިގަނޑަށްގެންނަން ޖެހޭ ހަރަކާތްތަކާއި މޫނަށް އަދި ލޮލަށް އަންނަ ބަދަލުތައް މިކުދިންނަށް ފާހަގަ ކުރުމުގައި މިކުދިންނަށް އުނދަގޫވެ އެވެ.

  1. ވާހަކަ ދެއްކުމުގައި އުނދަގޫވާ ފަދަ ގޮތެއް ހުރުން

އެސްޕެރްގާ ސިންޑްރޮމް ޖެހިފައިވާ ކުދިންނަށް ވާހަކަ ދެއްކުމުގައިވެސް އުނދަގޫ ގޮތެއް ހުންނާނެ އެވެ. ވާހަކަ ދައްކާއިރު ހާލަތާގުޅޭ ވާހަކަ ދެއްކުމާއި، ވާހަކަ ފަށައިގަތުމާއި ވާހަކަދައްކާ އިރު އެއްހަމައެއްގައި ހިފެހެއްޓުމަށް މިކުދިންނަށް އުނަދަގޫ ވާނެ އެވެ. އަދި ވާހަކަ ދައްކާ އިރު އެވާހަކައަށް ނިންމުމުގައި ވެސް މިކުދިންނަށް އުނދަގޫވާނެ އެވެ. މީގެ އިތުރުން ވާހަކަ ދައްކާއިރު ރާގާއި ޕިޗުގައި ވެސް އަޅައަޅައިގަންނަ ގޮތެއް ހުންނާނެ އެވެ. އަދި ވާހަކަ ދައްކާއިރު އެއީ ލިޔުމެއް ބަލައިގެން ކިޔޭ އެއްޗެއްހެން ވެސް ހީވާނެ އެވެ. މިފަދަ ކުދިން ވާހަކަދައްކާ އިރު ތަކުރާރުކޮށް އެކައްޗެއްކިޔަންވެސް ކިޔާނެ އެވެ. އަހަރުމެން ވާހަކަ ދައްކާއިރު ސަމާސާއަށް ބައެއްފަހަރު އެއްޗެތި ބުނަމެއް ނޫންހެއްޔެވެ؟ މިފަދަ ކުދިންނަށް މީސަމަސާއެއްކަން ބޮލަށް ނަގައިގަތުމުގައި ދަތިވެދާނެ އެވެ.

  1. ވަކި ކަންތައްތަކަށް ޝައުގުވެރިކަން ހުރުން

އެސްޕެރްގާ ޖެހިފަިއިތިބޭ ކުދިން އާންމުކޮށް މާގިނަ ކަންތައްތައްތަކަކަށް ޝައުގުވެރިކަމެއް ނުހުންނާނެ އެވެ. އަދި މީގެ ކުދިންގެ ޝައުގުވެރިކަން ހުންނާނީ ވަރަށް ވެސް މަދުންނޫނީ ކުދިން ޝައުގުވެރިވާ ކަންތައްތަކެށެވެ. އަދި ދިރިޅުމުގައި ކަންތަންތައް ކުރުމުގައި ގެންގުޅޭނީ އެހެންމީހުން ނުގެންގުޅޭ ފަދަ ގަވައިދުތަކެވެ.

  1. ހަރަކާތްކުރުމުގައި އުނދަގޫވުން

އެސްޕެރްގާ ޖެހިފަިއިތިބޭކުދިން ނަށް "މޯޓާ ސްކިލްސް" ނުވަތަ ހަރަކާތްތަކުގައި އުނދަގޫ ގޮތެއް ހުންނާނެ އެވެ. އަދިކަމެއް ކުރުމަށް ޓަކައި ހަރަކާތްތައް ބަހައްޓަންވީ ގޮތް ނަގައިގަތުމުގައި މިކުދިންނަށް އުނދަގޫ ވެދާނެ އެވެ. މިސާލަކަށް ފަތާއިރު އަހަރެމެން އަތް ނަގަންޖެހެނީ ވަކިގޮތަކަށެވެ. އަދި ނޭވާ ލުމަށް ޓަކައި ބޯހިއްލަން ޖެހޭނީ ވަކިހަމަކަށެވެ. އެހެންނޫނީ ރީއްޗަކަށް ނުފެތޭނެ އެވެ. މިބަލި ޖެހިފައިކުދިންނަށް މިފަދަ ހަރަކާތްތައް ވަކި ތަރުރީބަކުން ވަކި ހަމައެއްގައި ގެންދަން ވަރަށް އުނަދގޫވާނެ އެވެ.

  1. ބަައެއްކަންތައްތައް ސިކުނޑިން ނަގައިގަތުމުގައި އުނދަގޫވުން

އެސްޕެރްގާ ޖެހިފަިއިތިބޭ ކުދިން އާންމުކޮށް އެހެންމީހުންގެ ވިސްނާގޮތާ ދޭތެރޭ ދެކޭގޮތް ވަރަށް ތަފާތު ވާނެ އެވެ. އަދި އެހެންމީހުންގެ އިހްސާސްތައް ނަގައިގަތުމުގައި ވެސް ދަތިވާނެ އެވެ. ގިނަފަހަރު އެހެންމީހުން ދެރަވާކަހަލަ އެއްޗެތި ވެސް އެއްވެސް ވިސްނުމެއް ނެތި ބުނެލެވިދާނެ އެވެ. މިފަދަ ކުދިންގެ ނަޒަރުގައި އެހެންމީހުންގެ ވިސްނުން ވެސް ހުންނާނީ އޭނާގެ ބީދައިންނެވެ.

  1. ހިއްސުތަކުގައި މައްސަލަތައް ދިމާވުން

އެސްޕެރްގާ ޖެހިފަިއި ތިބޭ ކުދިންނަށް ހިއްސުތަކުގައި ވެސް މައްސަލަތައް ދިމާވެ އެވެ. އޭގެތެރޭގައި ފެނުމާއި އަޑުއިވުމާއި ރަހަ އާއި ވަސް އަދި އިހްސާސް ހިމިނެ އެވެ. މިގޮތުން މިފަދަ ކުދިންނަށް އާދައިގެ ކަނަތައްތަކުގައި ވެސް މާބޮޑަށް އިހްސާސް ވެދާނެ އެވެ.