ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް، ޗައިނާގެ ރައްޔިތުންގެ މެދުގައި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލަކީ އަދިވެސް ދިވެހިރާއްޖެ ކަމަށް އެގައުމުގައި ކުރިޔަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ.

ޗައިނާގެ ހުރުން ރިޕޯޓް އިންކޯޕަރޭޝަންސް އިން، އެގައުމުގެ ލަގްޒަރީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ސާވޭގައި ވަނީ، އެމީހުންގެ މެދުގައި އެންމެ މަގުބޫލު ހަތް މަންޒިލެއް ފާހަގަކޮށްފަ އެވެ. ރާއްޖެ ވަނީ ހަތް މަންޒިލުގެ ތެރެއިން އެއްވަނައިގަ އެވެ.

މި ސާވޭގައި ދައްކާ ގޮތުން ރާއްޖެ އެންމެ މަގުބޫލީ ޗައިނާގެ ޒުވާން ފަތުރުވެރިންގެ މެދުގަ އެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކުން ބުނީ ރާއްޖެ އައުމަށް އެންމެ ބޭނުންވަނީ ހޫނު މޫސުމާއި ޚަރީފު މޫސުމުގައި ކަމަށެވެ.

ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް ޗައިނާ އިން 324،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު، އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 10 ޕަސަންޓުގެ ދަށްވުމެކެވެ. މި އަދަދު އަދި ވެސް ދަނީ ދަށްވަމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ މާކެޓް ލީޑަރުގެ މަގާމު ޗައިނާ އިން ދަނީ ދަމަހައްޓަމުންނެވެ.

ޗައިނާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާ ސަބަބުގެ ތެރޭގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ފްލައިޓުތައް މަދުވުން ހިމެނެ އެވެ. ޗައިނާގައި ބާއްވާ ޓްރެވަލް ފެއާތަކުގައި ރާއްޖެ އިން އާންމުކޮށް ބައިވެރިވެ ހަދާ އިރު، އެމްއެމްޕީއާރުސީން ބުނީ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތްތައް އިތުރުކުރާނެ ކަމަށެވެ.

ސާވޭ އިން ދެއްކި ގޮތުގައި، ރާއްޖޭގެ އިތުރުން ލިސްޓުގައި ހިމެނޭ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ތައިލެންޑްގެ ޕުކެޓް، ފިޖީ، އިންޑޮނޭޝިއާގެ ބާލީ، ހަވާއީ، ޕެސިފިކް ކަނޑުގައި އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ނޮދަން މެރިއާނާ އައިލެންޑްސްގެ ސައިޕަން ޖަޒީރާ، އަދި މެލޭޝިއާ ހިމެނެ އެވެ.