05 Jul 2017, 13:09
އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވެގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ނާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ ރައީސް ޔާމީން ރާއްޖެއަށް ގެންނަން އުޅުއްވާ ތަރައްގީއަށް ހުރަސްއަޅަން ކަމަށެވެ.
Idhikolhu faraaiy thakah hajam nuvegen miulhenee HEP Yameen genas dhevvaa tharaqqee. Ekamah huras elhun emeehunge kamakee
— Abdulla Nazim (@ANazim2019)July 5, 2017
ހެލްތު މިނިސްޓަރު ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 45 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ފަރާތްތަކުންް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވިޔަސް އެ މެމްބަރުން މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
ނިހާން އެހެން ވިދާޅުވެފައިވަނިކޮށް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަކިގޮތަކަށް އަނބުރާލުމަށް ޓަކައި މަޖިލިސް މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.