17 Jul 2011, 19:26
"އަޅުގަނޑު ނިންމައިގެން މިހުރީ ބަކަރި ގެންގުޅުމުގައި ޓެކްނޮލޮޖީ ބޭނުންކުރާން،"ހއ. ފިއްލަދޫގައި ބަކަރިތަކާ ޖިންސީ ގުޅުން ހިންގި ކަމަށް ފެންމަތިވި ބަކަރިތަކުގެ ވެރިޔާ، މަރިޔަމް ޒޫނާ )ޒެޑޭ( ބުންޏެވެ. ދަނޑުވެރިޔާގެ ވާހަކަ ރަނގަޅެވެ؛ ކަންކަން ހިނގައިދިޔަ ގޮތުން ބަކަރި ގެންގުޅުމުގައި ޓެކްނޮލޮޖީގެ ބޭނުން ރާއްޖޭގައި ނުހިފަންވީ ސަބަބެއް މިހާރަކު ނެތެވެ.
ޒެޑޭގެ ބަކަރިތަކަކާއެކު ބަޔަކު ޖިންސީ ގުޅުން ހިނގި ކަމަށް ބުނާ މައްސަލައެއް މިދިއަ ޖޫން މަހު ފެންމަތިވެ ރަށް "ހޫނު" ވެފައި ވަނިކޮށް ޖެހިގެން އައި ދުވަހަށް އިރު އެރީ ޒެޑޭގެ ކޮށީ ތިބި ބަކަރިތައް މަރައި ވައްޓާފައި ވަނިކޮށެވެ. ދެން ބަކަރި ގެންގުޅެންޏާ ސަލާމަތުން ބަކަރިތައް ގެންގުޅެ މަސް ފަލަ ކުރެވެން އޮތީ ބަލާނެ އިތުރު ލޮލެއް ބަހައްޓައިގެނެވެ.
ޒެޑޭ ބުނަނީ ގެންގުޅޭތާ ތިންމަސްވެފައި ވަނިކޮށް އޭނާގެ ބަކަރި ކޮއްޓަށް ބަޔަކު އަރައިގަނެ ހުރިހާ ބަކަރިއެއްގެ ކަރު ބުރިކުރުމުން ލިބުނު މާޔޫސްކަމުން ހިތްވަރު ލިބިފައިވާ ކަމަށާއި ރޯދައިގެ ފަހުން ބަކަރި ކޮށީގެ ފުޅަށް އަލުން ގަތައިލާނެ ކަމަށެވެ. މިފަހަރު ބަކަރި ގެންގުޅެނީ އަންނަ "ހަމަލާ" ތަކުން ބަކަރިތައް ސަލަމާތް ކުރެވޭނެ އާލާތްތަކާއި ކެމެރާ ބަހައްޓައިގެނެވެ.
"ރޯދައަށް ފަހު އަޅުގަނޑު ގަސްދު ކުރަނީ އަނެއްކާވެސް ބަކަރި ގެންގުޅެން ފަށަން. މިފަހަރު އަޅުގަނޑު ރާވައިގެން މިހުރީ ގޭގައި އިނދެގެން ބަކަރި ކޮށީގެ ކަންކަން ބަލައިލެވޭ ގޮތަށް ކެމެރާ ހަރުކޮށް ފައްކާ ކުރަން، މިހާރު ކެމެރާ ބަލައިވެސް ފިން،" ޒެޑޭ ބުންޏެވެ. "އެފެންވަރުގެ ކެމެރާއެއް 13000ރ. އަށް ލިބޭ އޭގެ ދެ ކެމެރާ ރޯދައިގެ ފަހުން އަޅުގަނޑު ހޯދާނަން،"
ޒެޑޭ ބުނާ ގޮތުންނަމަ ފެންވަރުގައި ބަކަރި ގެންގުޅުމުގެ ފޯރިގަދަވީ ކުޅުއްދުއްފުށިން 3000ރ. ގެ މަގުން އޭނާ ގަތް އަންހެން ދެބަކަރި އާއި ފިރިހެން ބަކަރިތައް ކޮށީގައި އުޅެ ކުޑަ އަންހެން ދެބަކަރި ވިހާފައި ވަނިކޮށް "ގޯނާ" ކުރުމަށްފަހު އެސޮރުމެން ކަތިލައި އެކަމާ ގުޅިގެން ރަށުގައި ބޮޑު ހައިޖާނުގަނޑެއް ހިނގުމުންނެވެ.
"އެ ހުރިހާ ކަމަކުން ލިބުނީ ހިތްވަރެއް. ފިރިމީހާއާ އަޅުގަނޑު މިހާރު މިތިބީ ވަރަށް ބޮޑަށް ގަޔާވެގެން. ކެމެރާ އެބަހުރި ދެ ވައްތަރެއް އަޅުގަނޑުމެން ބަލައިފިން. އެއް ވައްތަރަކީ ގޭގައި އިނދެގެން ކޮންމެ ގަޑިއެއްގައި ވެސް ކޮށި ބަލައިލެވޭ ކެމެރާ. އަނެއް ވައްތަރަކީ ކޮށީގެ ތެރޭގައި ބަހައްޓައިގެން ރިކޯޑިން ބެލޭ ކެމެރާ،" ބަންގުލަދޭޝްގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ، ފިއްލަދޫ ދަނޑުވެރިޔާ ބުންޏެވެ.