ޕީޕީއެމް ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ކަމުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

އިލްހާމް އެ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ކަމުންނާއި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައި އިލްހާމް ވަނީ އެކަން ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މެސެޖަކުން އަންގަވާފަ އެވެ.

އިލްހާމް ވިދާޅުވީ އެ މަގާމުތަކުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށާއި ތަފާތު ތަޖުރިބާ ތަކެއްވެސް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއިކުރި 45 މެމްބަރުންގެ ތެރޭގައި އިލްހާމް ހިމެނިވަޑައިގަންނަވަ އެވެ.

އިލްހާމްއަކީ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު މެމްބަރެކެވެ. ނަމަވެސް އިލްހާމް ބަދަލުވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.