05 Jul 2017, 12:08
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މޫސާ ސިރާޖު އާއި މަހުފޫޒު ސައީދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.
ސަން އަށް އެނގިފައިވާގޮތުގައި ސިރާޖާއި މަހުފޫޒު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ އަދީބު މަރާލަން އުޅޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަކީލުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
އަދީބުގެ ވަކީލުން ފުލުހުންގެ އިދާރާ އަށް ފޮނުވި ސިޓީގައި ވަނީ ދޫނިދޫ ގޮޅީގައި އޮއްވައި އަދީބު މަރާލުމުގެ ރޭވުންތަކެއް ކުރިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ޚާއްސަ ސަމާލުކަމެއްދީގެން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އެފަދަ ކަންތައްތައް މެދުވެރިވިޔަނުދިނުމަށް އަޅަމްޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިފައެވެ.