ސްނެޕްޗެޓްގެ އައު ހިދުމަތް 'ސްނެޕް މެޕް' އަކީ ތިމާ ހުރި ތަނެއް އެ އެޕްލިކޭޝަންގައި ހިމެނޭ ރިއަލްޓައިމް މެޕްގެ ޒަރީއާއިން ތިމާގެ ސްނެޕްގައި އުޅޭ ރައްޓެހިންނަށް ހިއްސާކޮށްލެވޭ ހިދުމަތެކެވެ.

ނަމަވެސް މި އައު ހިދުމަތް އެއީ އެންމެ އެދެވޭ ހިދުމަތްކަމާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ސްނެޕްޗެޓުން އަލަށް ތައާރަފްކުރި ސްނެޕް މެޕްގެ ހިދުމަތް ބޭނުންކުރުމަށް ސްނެޕްޗެޓްގެ ހޯމް ސްކްރީންގެ ކެމެރާ އައިކޮން އަށް 'ޕިންޗް' ކޮށްލެއްވުމުން މެޕް ހުޅުވިގެންދެ އެވެ. އަދި މިމެޕްގެ ޒަރީއާ އިން އެބޭނުންކުރާ ފަރާތްތައް އެވަގުތެއްގައި ހުރި ހިސާބެއްގެ މަގުތަކާއި ލޭންޑްމާރްކްތަކާއި އަދި މުހިންމު އިމާރާތްތައް ދެނެގަނެވެ އެވެ.

މިއީ ތިމާގެ ފޯނުގެ ޖީޕީއެސް އަދި ޑޭޓާގެ ބޭނުން ހިފައިގެން ތިމާ ހުންނަ ދިމާލެއް ދެނެގަނެ އެކަަން މެޕުން ފާހަގަކޮށްދޭ ފީޗާއެކެވެ.

މިހެންވުމުގެ ސަބަބުން ސްނެޕްޗެޓް ބޭނުންކުރާ ޒުވާނުންނަށް މިފީޗާ އިން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އެމީހުންގެ ބެލެނިވެރިން ދަނީ މިހާރު އެކިއެކި ސޯޝަލް ޕްލެޓްފޯމްތަކުގައި ހިޔާލުފާޅުކުރަމުންނެވެ.

އަދި މި އައު ހިދުމަތުގެ ސަބަބުން ނިކުމެދާނެ ނުރައްކާތަކާ މެދު ބެލެނިވެރިންނަށް ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ފޭސްބުކްގެ 'ނަޑީއާ އެންޑް ކާޔޭ' ޕޭޖްގެ އެއް އެޑްމިންކަމަށްވާ ނަޑީއާ ސަވައްޔާ ޝެއާކުރި ވީޑީއެއްގައި އޭނާވަނީ ސްނެޕް މެޕްގެ މި އައު ހިދުމަތާއި ބެހޭގޮތުން އޭނާގެ ހިޔާލުފާޅުކޮށް ވީޑިއޯއެއް އެ ޕޭޖްގައި ޝެއާކޮށްފަ އެވެ.

"މިއީ ވަރަށް ނުރައްކާތެރިކަމެއް، އަޅުގަނޑަކަށް ނޭގެ ތިއެންމެން މިކަމާ ދޭތެރޭ ދެކޭގޮތެއް އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ނުރައްކާތެރިކަމެއް ހެން،" ނަޑީއާ އޭނާގެ ވީޑިއޯގައި އެންމެންނާ މުހާތަބުކުރަމުން ބުނެ އެވެ.

ސްނެޕް މެޕް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ އިރު އަދި އެތައްބަޔަކު މި ހިދުމަތާ ދޭތެރޭ ނުރުހުން ފާޅުކުރަމުންގެންދާ އިރު ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ސްނެޕް މެޕްގެ ޒަރީއާއިން ތިމާ ހުންނަ ތަން އެހެންމީހުންނަށް ފީޗާ ތިމާ ބޭނުންވާ ހާލަތެއްގައި ނިއްވާލެވެ އެވެ. ނަމަވެސް އެފީޗާ ނިއްވާނުލާ މީހުން ތިމާގެ މެޕުން ފެންނަން ހުންނާނެ އެވެ.