05 Jul 2017, 11:16
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފުރިހަމަ ރައްކާތެރިކަން ދީގެން ބަލަހައްޓާނެ ކަމުގެ ޔަގީންކަން އާއިލާއަށާއި އަދީބުގެ ގާނޫނީ ވަކީލުންނަށް އަރުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަދީބުގެ ވަކީލު މަހުފޫޒު ސައީދުގެ ފަރާތުން ވަނީ ދާދި ފަހުން ފުލުހުންނަށް ސިޓީއެއް ހުށަހަޅާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ބަޔަަކު އަދީބު މަރާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުން އަދީބުގެ ކަންކަން ގާތުން ބަލައިދިނުމަށެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު 'ސަން' އަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުރީ ހޯމް މިނިސްޓްރީން އެގޮތަށް އެންގުމުން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނަވަނިކޮށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި ބަލަހަޓާނީ ފުރިހަމަ ރައްކާތެރި ކަމާއި ހިމާޔަތް ދީގެން ކަން،" ޝިފާން ވިދާޅުވި އެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލައެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބު ކުރިން ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އަދީބަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން އެދިގެން އަދީބު ބަދަލު ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ އަށެވެ.