06 Jul 2017, 08:51
އުމުރުން ދުވަސްވީ މީހުންނަކީ އަޅާލުން ބޭނުންވާ ބައެކެވެ. އާއިލާގެ އޯގާތެރިކަމާއި ކުލުނު ބޭނުންވާ ބައެކެވެ. ދައުލަތުގެ ޒިންމާއަކީ އެފަދަ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި އަވަށްޓެރި އިންޑިއާގެ އަވަށެއްގެ މީހުން ދަނީ އުމުރުން ދުވަސްވީ މީހުންގެ ފުރާނަމަ މިނިކާވަގުގެ ޝިކާރައަކަށް ހުށަހަޅަމުންނެވެ. އެކަން ހިނގަމުންދަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރަށްފުށު ހިސާބުތަކުގައެވެ.
ޓައިމްސް އޮފް އިންޑިއާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ކަމެއް ހިންގަމުންދަނީ ޕިލްބިޓް ޓައިގަރ ރިޒާވްގެ ބޯޑަރު ކައިރި ހިސާބެއްގައެވެ. އެ ހިސާބުތަކުގެ މީހުން ދަނީ އެތަނުގައި ދިރިއުޅޭ އުމުރުންދުވަސްވީ މީހުން މިނިކާވަގުގެ ޝިކާރައަކަށް ހެދުމަށްޓަކައި އެރިޒާވަށް ފޮނުވަމުންނެވެ. އަދި އެއަށްފަހު އެމީހުންގެ ހަށިގަނޑުތައް އެސަރަހައްދަށް އަނބުރާ ގެނެސް އެއީ އެއަވަށުގައި ހިނގިކަމެއް ކަމަށް ދައްކަން މަސައްކަތް ކުރެ އެވެ. އޭގެ ސަބަބުން ސަރުކާރުން އެމީހުންނަށް ބަދަލުގެ ގޮތުގައި ފައިސާދެއެވެ.
ނަމަވެސް އެ ރިޒާވްގެ ތެރޭގައި މީހަކު މަރުވެއްޖެނަމަ އެ އާއިލާ އަކަށް ބަދަލެއް ނުލިބޭނެއެވެ.
ވައިލްޑް ލައިފް ކްރައިމް ކޮންޓްރޯލް ބިއުރޯއިން ކާލިމް އަހްތަރު ވަނީ މިފަދަ ހާދިސާތައް ތަހުގީގު ކޮށްފައެވެ. އަދި އެ ހިސާބުގެ މީހުންގެ ވާހަކަތަކާ އަދި ހަށިގަނޑުތައް ފެނިފައިވާ ހިސާބުތައް ވަކިވަކި ކޮންމެ ހާދިސާއަކަށް ބަލައި ތަހްގީގު ކުރުމުން މިކަމުގެ އަސްލު ހަގީގަތް އެނގިގެން ދިޔައެވެ. މިއަހަރުގެ ފެބްރުއަރީ 16 އިން ފެށިގެން މިނިކާވުގެ ވަރަށް ގިނަ ހަމަލާތަކެއް ފުލުފުލުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ރަށްފުށުގެ ބައެއް މީހުން ބުނާ ގޮތުގައި މިކަމަކީ އުމުރުން ދުވަސްވީ މީހުންގެ ރުހުމުގައި ކުރެވެމުން އަންނަ ކަމެކެވެ.
"އެ މީހުން ދެކޭ ގޮތުގައި އެ މީހުންގެ ފަގީރު ހާލުން މިންޖުވެވޭނެ ހަމައެކަނި ގޮތަކީ މިއީ،" ދަނޑުވެރިއެއް ކަމަށްވާ ޖަރުނައިލް ސިންގް ބުންޏެވެ.
އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ އިންޑިއާގައި ފައިސާގެ ދަހިވެތިކަމުގައި އެ ގައުމުގެ ބައެއް އާންމުން، ގަބޫލު ނުކުރެވޭ ކިތަންމެ ކަމެއް ހިނގަމުން ދެއެވެ. އިންޑިއާގެ މަނިޕޫރުގައި އިންޑިއާގެ ސިފައިން 1528 "ފޭކް އެންކައުންޓާ" ހިންގި ކަމަށް އިންޑިއާގެ ކޯޓުން 2016 ވަނައަހަރު ވަނީ ކަނޑައަޅާފައެވެ. ފައިސާ އާއި މެޑަލް ހޯދުމުގެ ނިޔަތުގައި އިންޑިއާގެ ސިފައިން މިފަދަ "ފޭކް އެންކައުންޓާ"ތައް ވަރަށް ގިނައިން އިންޑިއާގެ ކަޝްމީރު އަދި މަނިޕޫރުގެ ހިސާބުތަކުގައި ހިންގައެވެ.