އިންޑިއާ އިން 700 ގްރާމްގެ ހަޝިޝް އޮއިލް ހިފައިގެން ރާއްޖެއަށް އައުމަށް ފުރަން ގޮސް ހުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު އެގައުމުގެ ތިރުވަނަންތަޕޫރަމުން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ރިޕޯޓުކޮށްފައި ވަނީ، އިއްޔެ ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެެނެއް ކަމަށެވެ. އޭނާގެ ނަމަކީ ލުތުފީ މުހައްމަދު ކަމަށް "ދަ ހިންދޫ"ގައި ރިޕޯޓުކޮށްފައިވެ އެވެ.

އެއް ހަފްތާ ދުވަހުގެ ޗުއްޓީއަކަށް ފަހު އެނބުރި ރާއްޖެ އައުމަށް ޓަކައި، ތިރުވަނަންތަޕޫރަމް އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މި ޒުވާނާ ހައްޔަރުކުރީ، އެ އެއާޕޯޓުގެ އޭވިއޭޝަން ސެކުއިރިޓީ އިން އޭނާ ބަލައި ފާސްކުރި އިރު، އޭނާގެ އަތުން މަސްތުވާތަކެތި ފެނުމުން ކަމަށް ނޫހައި ބުންޏެވެ.

ދަ ހިންދޫއިން ބުނާ ގޮތުން، ހަޝިޝް އޮއިލް ފެނިފައި ވަނީ އޭނާގެ ފައިގެ ފަލަމަސްގަނޑާލައި ހަރުކޮށްގެން އުޅެނިކޮށެވެ. މިތަކެތީގެ މަގުމަތީ އަގުގައި ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ އުޅޭނެ ކަމަށް ދަ ހިންދޫއިން ބުނެ އެވެ.