14:30


ޅ. އަތޮޅު ކުރެއްދޫ ރިސޯޓްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ތެރެއިން ބުރުގާ އަޅާ މުވައްޒަފުން ވަޒީފާ ބޭނުމިއްޔާ 15 ސެޕްޓެންބަރުގެ ކުރިން ބުރުގާ ނެގުމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށް ބުނެ އެ ރިސޯޓްގެ ބައެއް އަންހެން މުވައްޒަފުން ޝަކުވާކުރަން ފަށައިފި އެވެ.


އެ ރިސޯޓްގެ ގާޑަން ބައިގާ މަސައްކަތްކުރާ އަންހެން މުވައްޒަފަކު މިއަދު ބުނީ ބަގީޗާ ބަލަހައްޓާ ބައިގައި މަސައްކަތްކުރާ ފަސްދޮޅަހަކަށް ދިވެހި މުވައްޒަފުންގެ ތެރެއިން ހަތަރު ވަރަކަށް މުވައްޒަފުން ފިޔަވައި ދެން މުޅިން ވެސް އުޅެނީ ބުރުގާ އަޅައިގެން އުޅޭ މުވައްޒަފުން ކަމަށާއި އެ މީހުންނަކީ ކުރެއްދޫ ރިސޯޓްގައި މަސައްކަތްކުރާ ހިންނަވަރު އަދި ނައިފަރު މީހުން ކަމަށެވެ. އެގޮތަށް އެންގުމުން އެ އެންމެންގެ ވަޒީފާ ގެއްލޭތީ އެކަމާ ހިތްހަމަނުޖެހިގެން އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ރިސޯޓްގެ އެހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވެސް އެގޮތަށް އަމަލްކުރުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


ކުރެއްދޫ ރިސޯޓްގެ މެނޭޖްމަންޓްގެ އިސް ފަރާތަކުން، ނަން ހާމަނުކުރުމަށް ޝަރުތުކޮށް، މިއަދު ބުނީ އެފަދަ ވާހަކައެއް ނުރަސްމީ ސިފައެއްގައި މެނޭޖްމަންޓް ލެވެލްގައި ދެކެވިފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް އެކަންތައް އެގޮތަށް ކުރުމަށް މުވައްޒަފުންނަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.