ކޮރަފްކޯފާ(ޖުލައި 5): އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށް ގަބޫލުކުރުމަށް ޔުނެސްކޯއިން ދެކޮޅު ހަދައިފިއެވެ.

އދ. ގެ ތައުލީމާއި ސައެންސާއި ޘަގާފަތާބެހޭ ޖަމްއިއްޔާ ކަމަށްވާ ޔުނެސްކޯއިން ބުނީ ގުދްސަކީ އިސްރާއީލުގެ ސިޔާދަތު އޮތް ރަށެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އަދި މަސްޖިދުލްއަގްޞާގެ މުގައްދަސް ބިނާގެ ކައިރިން އިސްރާއީލު ކޮންނަމުންދާ ކޮނުންތައް ކުށްވެރި ކުރާކަމުގައެވެ.

މަސްޖިދުލްއަގްޞާގެ ކައިރީގައިވާ ބިން އިސްރާއީލު ކޮންނަމުންދަނީ އެމިސްކިތް ހުރިތަނަކީ ސުލައިމާންގެފާނުގެ ރަސްކަމުގެ ދުވަސްވަރު ބިނާކުރެއްވި ޔަހޫދީންގެ ފައްޅިއެއް އެތަނުގެ އަޑީގައި ހުރިކަމަށްބުނެ އެތަން ހޯދުމުގެ ނަމުގައެވެ.

ޔަހޫދީންގެ ތެރެއިން މާތް ﷲ ފޮނުއްވި ނަބިއްޔެއްކަމަށްވާ ސުލައިމާނުގެފާނަކީ ގުދްސު ނުވަތަ އެޒަމާނުގެ ނަމުންނަމަ އޯރުޝަލީމްގައި ވަރުގަދަ ރަސްކަމެއް ކުރެއްވި ބޭފުޅެކެވެ. މަސްޖިދުލްއަގްޞާގެ ކައިރީގައިވާ ބިން އިސްރާއީލުން ކޮންނަމުންދިޔުމުގެ ހަގީގީ މަގްސަދަކީ މަސްޖިދުލްއަގްސާގެ ބިނާ ވައްޓާލުންކަމަށާއި އެއީ އެކަމުގެ ރޭވުމުގެ ދަށުން ކުރަމުންގެންދާ ކަމެއްކަމަށް ފަލަސްތީނުން ބުނެއެވެ.

ޔަހޫދީންނަކީ ގަދީމީ ޒަމާންތަކުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު މީހުންނެކޭ އެއްގޮތަށް ދިރިއުޅުނު އަރަބިންނާ ދެބޭންގެ ދެދަރި ބަޔެކެވެ. އަރަބިންނާއި ޔަހޫދީންގެ ނަސްލުވެސް ގުޅެނީ ސަލާމްލެއްވި އިބްރާހީމްގެ ފާނާއެވެ. އަރަބިންނަކީ އިބްރާހީމްގެފާނުގެ އިސްމާއީލްގެ ފާނުގެ ދަރިކޮޅެވެ. ޔަހޫދީންނަކީ އިބްރާހީމްގެފާނުގެ އިސްހާޤްގެފާނުގެ ޔައުގޫބްގެފާނުގެ ދަރިކޮޅެވެ.

ނަމަވެސް ނަވާރަސަތޭކަ ސަތާރަ ވަނައަހަރު އިނގިރޭސި ޚާރިޖީ ވަޒީރު ޖޯޖް ބެލްފޯރ އިއުލާންކުރެއްވި ބެލްފޯ ޑެކްލަރޭޝަނަށްފަހު ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަތުމަށްޓަކައި ޔޫރަޕުން ފަލަސްތީނަށް ހިޖްރަކޮށް ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ އިސްތިއްމާރީ ދައުލަތެއް އުފައްދައިގެން މިއުޅެނީ އެޒަމާނުގައި ފަލަސްތީނުގެ ބިމުގައި އުޅުނު ޔަހޫދީންގެ ދަރިފަސްކޮޅެއް ނޫނެވެ.

އެޒަމާނުގެ ޔަހޫދީންގެ ދަރިފަސްކޮޅުގެ މީހުން އޭރުއްސުރެ އުޅެމުން ގެންދިޔައީ ފަލަސްތީނުގައާއި އަރަބި އެހެން ގައުމުތަކުގައެވެ. އެއީ އަރަބި ޔަހޫދީންގެ ނަމުން ނަންދެވިފައިވާ ޔަހޫދީންނެވެ. އެ ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަމަށް ޚުދު ފަލަސްތީނުގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ އިސްތިއުމާރީ ދައުލަތެއް ގާއިމްކޮށްގެން އުޅެނީ ޔޫރަޕްގެ އެކި ގައުމުތަކުން މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ހިޖްރަކޮށްގެން އުޅޭ ޔުރަޕްގެ ގައުމުތަކުގެ މީހުންނެވެ. އެއީ އަސްލު ޔަހޫދީ ދަރިކޮޅު މީހުން ނޫންކަމަށް ޔަހޫދީ ގިނަ މުއައްރިޚުންވެސް އެއްބަސްވެއެވެ.

ދާއޫދުގެ ފާނާއި ސުލައިމާންގެ ފާނުގެ ދުވަސްވަރުން ފެށިގެން ފަލަސްތީނުގެ ބިމުގައި އުޅުނު ޔަހޫދީންގެ ދަރިފަސްކޮޅު މިހާރުވެސް ފަލަސްތީނުގައި އޮވެއެވެ. ނަމަވެސް އެއީ ވަރަށް މަދުބައެކެވެ. މިހާރު އިސްރާއީލަށް ހިޖްރަކޮށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން މިއުޅެނީ ޔޫރަޕާއި އެމެރިކާއާއި އިތިއޮޕިޔާ ފަދަ ގައުމުތަކުގެ ޔަހޫދީން ކަމަށް ބުނާމީހުންނެވެ.

އެމީހުންނަކީ އަސްލު ޔަހޫދީ ދަރިކޮޅާ ގުޅުންނެތް ބައެއްކަމަށް ޔަހޫދީ ގިނަ މުއައްރިޚުން ވެސް ބުނެއެވެ.

ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށް ގަބޫލު ނުކުރުމަށާއި މަސްޖިދުލްއަގްޞާގެ ބިނާގެ ކައިރިން އިސްރާއީލުން ކޮންނަމުންދާ ކޮނުންތައް ކުށްވެރިކޮށް ޔުނެސްކޯއިން ފާސްކުރި ގަރާރާ ދެކޮޅަށް ޔުނެސްކޯގެ ބައިނަލްއަގްވާމީ ތަރިކަތަކާބެހޭ ކޮމިޓީގެ މެންބަރުންގެ ތެރެއިން 90 އިންސައްތަ މެންބަރުން ވޯޓު ދީފައިވެއެވެ. ވޯޓު ނުދެނީ އެ ކޮމިޓީގައި ހިމެނޭ އެންމެ ތިން ގައުމުންނެވެ. އެއީ ފިލިޕީންސް އާއި ޖެމެއިކާ އާއި ބޯކިނާފާސޯ އެވެ.

ގުދްސުގެ ހުޅަނގުފަޅި އިސްރާއީލުން ހިފާފައިވަނީ 1984 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގައެވެ. ގުދްސުގެ އިރުމަތީ ފަޅި އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި އިސްރާއީލުގެ ހަނގުރާމައިގައެވެ. އެއަށްފަހު 1982 ގައި އިސްރާއީލުންވަނީ މުޅި ގުދްސަކީ އިސްރާއީލުގެ ސިޓީއެއްކަމަށް އަމިއްލައަށް ނިންމާފައެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުންނާއި ޖެނެރަލް އެސެމްބްލީން ވަނީ އިސްރާއީލުގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައެވެ.

މަސްޖިދުލްއަގްޞާ ހުންނަނީ ގުދްސުގެ އިރުމަތީ ފަޅީގައެވެ. އަދި ދުނިޔޭގެ ގައުމުތަކުންވެސް ގުދްސުގެ އިރުމަތީ ފަޅިއާމެދު ދެކެނީ އެއީ މުސްތަގްބަލްގައި އުފައްދާނެ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)