މިއަންޒް އިންޓަނޭޝަނަލް (މައި) ކޮލެޖު ހިންގާ މިއަންޒް އިންޓަނޭޝަނަލް ކުންފުނިން ސްރީލަންކާގައި ޕްރީސްކޫލެއް ހުޅުވައިފިއެވެ.

މިހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހު މިއަންޒް އިންޓަނޭޝަނަލުން ސްރީލަންކާގައި ހުޅުވި ޕްރީސްކޫލަކީ"މައި ޕްރީސްކޫލް އެންޑް ޑޭކެއާ"އެވެ. މި ސްކޫލް ހުންނަނީ ސްރީލަންކާގެ ކޮލޮމްބޯގެ ބޭރުގައި އޮންނަ ބައްތަރަމުއްލާގައެވެ.

މައި ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ "ސަން"އަށް ވިދާޅުވި ގޮތުގައި މިއީ، މިއަންޒް އިންޓަނޭޝަނަލުން ރާއްޖެއިން ބޭރުގައި ހުޅުވަން ނިންމާފައިވާ ތައުލީމުދޭ މަރުކަޒުތަކެއްގެ ފެށުމެވެ.

ސްރީލަންކާގައި މައި ޕްރީސްކޫލު ހުޅުވާފައިވާ އިރު، ޑރ. އާމާލް ވިދާޅުވި ގޮތުގައި، މައި އިންޓަނޭޝަނަލް ޕްރީސްކޫލް ޗެއިންގެ ދަށުން ނޭޕާލް އަދި ބަންގްލަދޭޝްގައި ވެސް ޕްރީސްކޫލް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޫލްތައް ވެސް މި މަހުގެ ތެރޭގައި ހުޅުވިގެން ދާނެ ކަމަށް ޑރ. އާމާލް ވިދާޅުވިއެވެ.

ލަންކާގައި މައި ޕްރީސްކޫލް ހުޅުވާފައިވާ އިރު، އެތަނުގައި ތިން ގްރޭޑެއް ކުރިޔަށް ދާނެއެވެ. އެއީ ޑޭކެއާ، ޕްލޭސްކޫލް އަދި ޕްރީސްކޫލެވެ. މައި ޕްރީސްކޫލްގެ ލަންކާ ކެމްޕަސް ރަސްމީކޮށް ހުޅުވައި، އަންނަ ހަފްތާގައި ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައިވާ އިރު، އެސްކޫލްގެ އެޑްމިޝަންގެ ކަންކަންމިހާރު ކުރިޔަށް އެބަ ދެއެވެ.

މައި ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް ވިދާޅުވީ މައި ޕްރީސްކޫލްގައި ކިޔަވައިދޭނީ އެމެރިކާގެ ޕްރީސްކޫލް ސިލަބަހެއް ކަމުގައިވާ، އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމް (އައިޕީސީ)އަށް ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި އިސްލާމް، ޤުރުއާން އަދި ދިވެހި މާއްދާތައް ވެސް މައި ޕްރީސްކޫލްގެ ލަންކާ ކެމްޕަހުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައި ޕްރީސްކޫލްގެ ސިލަބަސްގެ ދަށުން ސައިންސް، ނިއުމެރަސީ، މޮޓޯ ސްކިލްސް، ކްރިއޭޓިވް އާޓްސް، ސޯޝިއޯއިމޯޝަނަލް އަދި ލޭންގުއޭޖް އާޓްސްގެ ދާއިރާއިން ކިޔަވައިދޭނެއެވެ.