05 Jul 2017, 09:06
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ޖަރުމަންގެ ބަޔާން މިއުނިކުން ހޯދައިފިނަމަ، ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު އޮޓްމާރް ހިޓްޒްފެލްޑް ބުނެފިއެވެ.
ސްޕެއިންގެ ޓެކްސް އޮތޯރިޓީން ރޮނާލްޑޯ ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީ ރޮނާލްޑޯ ވަނީ ހިތްހަމަނުޖެހުންތަކެއް ފާޅުކޮށްފައެވެ. ޓެކުހަށް މަކަރު ހަދާފައިނުވާނެ ކަމަށް ރޮނާލްޑޯ ބުނަމުންދާއިރު، ސްޕެއިން ދޫކޮށް އެހެން ގައުމެއްގެ ކްލަބަކަށް ރޮނާލްޑޯ ބަދަލުވާން އުޅޭ ކަމަށް ވެސް ހަބަރުތައް ބުނަމުންދެއެވެ.
ޓީ-އޮންލައިނަށް ދިން އިންޓަވިއުއެއްގައި ހިޓްޒްފެލްޑް ބުނީ، ބަޔާނަށް އޭނާ ގެނައުމުން އެ ކްލަބުގެ ސަޕޯޓަރުންނަށް އެއީ ހަދިޔާއެއް ކަމަށްވިޔަސް ރޮނާލްޑޯ ގެނެސްފިނަމަ ފައިސާގެ ދަތިތަކަކާ ވެސް އެ ކްލަބުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ރޮނާލްޑޯ ބަޔާނަށް އަންނާނެ ކަމަށް ވާހަކަ ދެއްކުމަކީ ގޯސް ހިޔާލެއް ނޫން. އެއީ ހަގީގަތަކަށް ނުވިޔަސް އެ ހިޔާލު ގޯހެއް ނޫން. ރޮނާލްޑޯގެ ސޮއި ހޯދިއްޖެނަމަ، އެއީ ސަޕޯޓަރުންނަށް ލިބޭނެ ހަދިޔާއެއް. އެކަމަކު އެކަމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ،" އޭނާ ބުންޏެވެ.
ހިޓްޒްފެލްޑް ބުނީ، ރޮނާލްޑޯ ގެނައުމުން މުސާރައިގެ އޮނިގަނޑު ބަދަލުވެގެންދާނެ ކަމަށާއި އޭރުން އެހެން ކުޅުންތެރިންނަށް އޭގެ އުނދަގޫ ޖެހޭނެ ކަމަށެވެ. އަދި ބަޔާންގެ ރައީސް އުލި ހޮއެނޭސް އެފަދަ ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން އޮތް ވެސް އޭނާ ބުންޏެވެ.
ބަޔާނުން ރޮނާލްޑޯ ހޯދާ ވާހަކައިގެ އިތުރުން އާސެނަލްގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް ގެންދަން އުޅޭކަމުގެ ހަބަރުތަކެއް ވެސް ދަނީ ދެކެވެމުންނެވެ. އެކަމާމެދު ހިޓްޒްފެލްޑް ބުނީ، މިހާރު ވެސް ބަޔާނުގެ އެޓޭކް ވަރަށް ވަރުގަދަ ކަމަށާއި ކުޑަ އަގެއްގައި އެހެން ކުޅުންތެރިޔަކު ވެސް އެ ކްލަބަށް ގެނެވިދާނެ ކަމަށެވެ.