05 Jul 2017, 01:26
މާލޭ ލީގުގެ ދެވަނަ ބުރުގައި ފަހަތުންއަރާ ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބު އަލުން ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގްރީންގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވި ނަމަވެސް، ތާވަލުގެ ހަތަރުވަނާގައި ގްރީން އޮތީ ގޯލުގެ ތަފާތުންނެވެ. ވިކްޓަރީ އަދި ގްރީނަށް ވެސް ކުޅުނު 11 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. އެ ދެ ޓީމަށް ވެސް ލީގުގައި ބާކީ ތިން މެޗު އޮންނާނެއެވެ.
ލީގުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ވިކްޓަރީން ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ވިކްޓަރީގެ ކެރިކް އަންދްރޭޖް ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު ޔުން ކޮޗީ މަތަކުރިއިރު، މެޗުގެ އަށްވަނަ މިނެޓުގައި ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ވިކްޓަރީއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ހަސަން އަދުހަމް ދިން ބޯޅައަކުން ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެރިޗް ފޮނުވާލި ހަމަލާއާއި މެޗުގެ 16 ވަނަ މިނެޓުގައި ރިލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އަދުހަމް ފޮނުވާލި ހަމަލާ ވެސް ކީޕަރު ޔުން ކޮޗީ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ގްރީނުން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ވިކްޓަރީގެ މަހްމޫދު އަލް ޔޫސުފަށް ހެދުނު ގޯހަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ހަސަނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ގްރީން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ގްރީނުންނެވެ. މެޗުގެ ފުރަތަމަ ހާފު ފެށުނުތަނާހެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ގްރީންގެ އިބްރާހިމް ރިޒުހާން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ކީޕަރު މަހްމޫދެވެ.
ވިކްޓަރީން ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން 59 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެރިޗްއަށް ޑިފެންޑަރު މުހައްމަދު ސާއިފް ކުރި ފައުލަކާ ގުޅިގެން ވިކްޓަރީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ)އެވެ.
އެ ލަނޑަށްފަހު ވެސް ވިކްޓަރީން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތުތަކެއް ލިބިފައިވަނީ ވިކްޓަރީގެ މުހައްމަދު ރިސްވާނަށެވެ. ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ލިބުނު ފުރުސަތަކުން ރިސްވާން ފޮނުވާލި ހަމަލާ ކީޕަރު ޔުން ކޮޗީ މަތަކުރިއިރު، އަދުހަމް ދިން ބޯޅައަކުން ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިސްވާން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ވިކްޓަރީން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަހްމަދު ނިޔާޒް (ނިޔާ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީންގެ ޑިފެންޑަރުންނަށް ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން ލިބުނު ބޯޅައަކުންނެވެ.
މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހަވީރު 4:00ގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ބައްދަލުކުރާއިރު، އެ ދުވަހުގެރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ(ޔޫވީ) އެވެ.