ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ ލ. ފޮނަދޫ ސްވީޓް ފްލާވާ އަހުމަދު ޝާފިއުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ޖެހީ ފަސް ދުވަހެވެ.

ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ޝާފިއު ރޭ ހައްޔަރުކުރީ އެޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒު ކައިރީ ހުއްޓައެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭ ކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ވަކި ނަތީޖާއެއް ނެރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.