މާފިއާ ޑޮން، އަރުން ގައުލީގެ ހަޔާތުގެ މައްޗަށް އުފައްދައި، އަރްޖުން ރާމްޕާލް ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޑެޑީ' ރިލީޒްކުރުން ފަސްކޮށްފި އެވެ.

ކުރިން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރުމަށް ކަނޑައަޅައިފައި ވަނީ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.

ފިލްމު ރިލީޒް ކުރުން ފަސްކުރި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އަރްޖުން ވަނީ ރިލީޒް ކުރާ ތާރީޚު ބަދަލުކޮށްފައިވާކަން ޔަގީން ކޮށްދީފައެވެ.

އެއީ ޕޮލިޓިކަލް ކްރައިމް ޑްރާމާ ފިލްމެކެވެ. އެ ފިލްމުގައި އަރްޖުންގެ އިތުރުން ފަރްހާން އަޚްތަރު އަދި އައިޝްވާރްޔާ ރާޖޭޝް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ގައުލީ އަކީ އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގްސްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއް ބަޔަކު ގައުލީ އަކީ ގޭންގްސްޓާރެއްގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް، އޭނާ ނިސްބަތްވާ ހިސާބުގެ މީހުންނަށް އޭނާ އަކީ ބައްޕަ، 'ޑެޑީ' އެވެ. ގައުލީ އަކީ ސިޔާސީ ލީޑަރެކެވެ.

އެ ފިލްމު ގެނެސްދީފައި ވަނީ ވެސް އެކި މީހުން ގައުލީ ސިފަކޮށްފައިވާ ގޮތަށެވެ.