ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރުމަކީ ފިނޑި އަމަލެއް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް މަސީހު މަގާމުން ބޭރުކުރަން ސޮއި ހޯދި ކަމުގެ ތުހުމަތު މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ފުލުހުން ވެސް ބުނެފައި ވަނީ ފާރިސް ރިޝްވަތު ދިން ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރިޝަވަތު ދީގެން މަޖިލީހުގެ ރައީސް ބަދަލުކުރަން މަސައްކަތް ކުރުމަކީ ގޮތް ހުސްވެފައިވާކަން ދައްކުވައިދޭ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ގައުމަށް ޓަކައި ކަމަށެވެ. އެއްވެސް ފަރާތަކަށް ރިޝްވަތު ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.