04 Jul 2017, 19:08
މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފި އެވެ.
ގައުމީ ދަނޑުގައި ކުޅުނު އެ މެޗު ނިއުއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ނިއުއަށް ވަނީ މާލޭ ލީގުގައި ކުޅުނު 11 މެޗުން ޖުމުލަ 24 ޕޮއިންޓްލިބިފަ އެވެ. އަދި އެ ނަތީޖާއާ އެކު ނިއުއަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުޞަތު ވަނީ ބޮޑުވެފަ އެވެ. މިއަދު މެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އޮތީ ތާވަލުގެ ފުލުން ދެ ވަނަ މަގާމުގަ އެވެ.
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓުން ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަލާޑޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 8 ވަނަ މިނިޓުގަ އެވެ.
ނިއުގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް މެޗުގެ 89 ވަނަ މިނިޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސުހެއިލެވެ.
ނިއުރޭޑިއަންޓު މިއަދުގެ މެޗުން މޮޅުވިއިރު އެ ޓީމަށް އިރުޝާދު ދީފައި ވަނީ ދާދި ފަހުން އެ ޓީމާއި ހަވާލުވި އޮސްކާ ބްރުޒޮން ބަރޭރާ އެވެ. މިއީ އޭނާގެ ބެލުމުގެ ދަށުން ނިއު ކުޅުނު ފުރަތަމަ މެޗެވެ.