04 Jul 2017, 18:44
ވޯލްޑް ޓްރެވަލް އެވޯޑްސްގެ "އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2017" ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވިލުރީފްގައި ބާއްވަން ހަމަޖައްސައިފި އެވެ.
ސަން ސިޔާމް ރިސޯޓްސް އިން ހިންގާ ވިލުރީފުގައި އެ ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ހަފްލާގައި ރާއްޖޭގެ ސަގާފީ ނެށުމާއި މަޝްހޫރު ލަވަކިއުންތެރިޔާ އުނޫޝާގެ ހުށަހެޅުންތަކެއް ވެސް އޮންނާނެ އެވެ.
އެ ހަފްލާ ހޯސްޓު ކުރާނީ މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަންގެ ދެ ހޯސްޓުން ކަމުގައިވާ މޫސާ ވަސީމާއި ލަމްހާ ލަތީފެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިއާ ކަނޑުގެ އެވޯޑު ހަފްލާ ރާއްޖޭގައި ބާއްވަން ހަމަޖައްސާފައިވާއިރު އެ އެވޯޑަށް ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތައް ވަނީ ނޮމިނޭޓުކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ނަން ހުށަހަޅާފައި ވަނީ އެ އެވޯޑުގެ އެންމެ ފުރިހަމަ ހަނީމޫން މަންޒިލާއި ފީނާ މީހުންގެ މެދުގައި މަގުބޫލު ޑައިވް މަންޒިލް އަދި ކްރޫޒް މަންޒިލް ފަދަ ކެޓަގަރީތަކުންނެވެ.
އިންޑިއަން އޯޝަން ގާލާ ގައި ރާއްޖޭގައި ގިނަ ރިސޯޓުތަކަށް އެވޯޑު ލިބޭނެ ކަމަށް ބެލެވެ އެވެ. ކޮންމެ އަހަރަކު ވެސް އެ އެވޯޑު ހަފްލާގައި ރާއްޖެއަށް ގިނަ އެވޯޑުތަކެއް ލިބެއެވެ.