"އަޅުގަނޑު ހީއެއް ނުކުރަން މިކަހަލަ ތަޖުރިބާއެއް ކުރަންޖެހިދާނެ ކަމަކަށް،"
ހީ ނުކުރާ ކަންކަން އައިސް ބައެއް ފަހަރު ބޯމައްޗަށް ވައްޓައިލަ އެވެ. އެކަހަލަ ގޮތެއް ވެދާނެ ކަމަށް އުމައިރާ އަބޫބަކުރު ވެސް ކުރިން ހީކުރެއްވި ހެނެއް ހީއެއް ނުވެ އެވެ.

"އަޅުގަނޑު ހީއެއް ނުރަން. މިހާ ހީލަތްތެރިވާނެ ކަމަކަށް،" އުމައިރާ ވިދާޅުވި އެވެ.

ބ. ތުޅާދޫ ކައުންސިލަށް ހޮވި ވަޑައިގެންނެވި އަންހެން މެންބަރު އަދި ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރު އިންނެވީ އުމުރަށް ވެސް ހަނދާން ނައްތައި ނުލެއްވޭ ވަރުގެ ތަޖުރިބާތަކެއްގެ ތެރޭގަ އެވެ.

"އަޅުގަނޑަކީ ކުރިން ސިޔާސީ ފިކުރު ގެންގުޅުނު މީހެއް ނޫން. އެކަމަކު އަޅުގަނޑަށް މިހާރު މިހުރީ ސިޔާސީވެވިފައި. މިއީ ވަރަށް އާދަޔާ ހިލާފު ތަޖުރިބާތަކެއް،" އުމުރުން 21 އަހަރު އުމައިރާ ވިދާޅުވި އެވެ.

ތުޅާދޫ ސްކޫލުން ކިޔަވާ ވިދާޅުވި އުމައިރާ ފުރަތަމަ މަސައްކަތް ކުރެއްވީ ޓޫރިޒަމް ދާއިރާގަ އެވެ. ޒުވާން އުމުރުގައި އުމައިރާގެ ފިޔަވަޅުތައް ސިޔާސީ ދަނޑުގައި އަޅަން ފެއްޓެވީ ރޯޔަލް އައިލެންޑްގައި ވަޒީފާ އަދާ ކުރެއްވުމަށްފަހު، އެއާޕޯޓް ރެޕެއްގެ ގޮތުގައި އުޅުއްވުމުގެ ތެރޭ ޑީއާރްޕީން ލިބިވަޑައިގެންނެވި ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެންނެވެ. އޭގެ ކުރިން އުމައިރާ ހުންނެވީ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންނެވެ.

"ދެހާސް އަށެއްގައި އަޅުގަނޑު ޑީއާރްޕީއާ ގުޅިއްޖައިން. އެކަމަކު ސިޔާސީ މައިދާނަށް ވަދެ ތުޅާދޫ ކައުންސިލަށް ވާދަކުރަން ޖެހުނު ހިސާބަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށުނު ހިސާބު، މިހާރުން ދެން މިކުރެވުނު ތަޖުރިބާތަކާއެކު އަޅުގަނޑު މިހުރީ ފަހަތަށް ފިޔަވަޅު އަޅާ ގޮތަކަށް ނޫން. އަޅުގަނޑު މިހުރީ މައިދާނުގައި ކުރިޔަށްދާން ނިންމައިގެން،" އަމިއްލަ ރަށުގެ ކައުންސިލުގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެންމަތިވެގެން އައި އެތައް ކަމަކާ ގުޅިގެން ބޮޑު މަޝްހޫރު ކަމެއް ލިބިވަޑައިގެންފައިވާ އުމައިރާ ވިދާޅުވި އެވެ.

ކައިވެންޏެއް ނުކުރައްވައި ހުއްސަރި ބަޔަށް ހުންނެވި އުމެއިރާ ވިދާޅުވީ ރަށުގެ ކައުންސިލުގެ ތެރެއިން އޭނާ އަށް ކުރިމަތިކުރުވި ގޮންޖެހުންތަކަކީ ކައުންސިލުގައި ދެންތިއްބެވި "އެކުވެރިން" ކުރައްވަން ބޭނުންފުޅުވާ ހުރިހާ ކަމެއް ނުކުރެއްވޭތީ، ނޫނީ ކުރައްވާ ކަންތަކުގެ ތެރެއިން ފަސްލައި ފޮރުވަން ބޭނުން ކަންކަން ފޮރުވާނެ މަގެއް ކޮށައިލުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވިދިވިދިގެން ހަތް ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އިނގިލި ދިއްކޮށް ގޮނޑިން "ވައްޓާލާފައި"ވާ އުމައިރާ ވިދާޅުވީ ކައުންސިލުގެ "އެކުވެރިން" އޭނާއަށް ކުރިމަތިކުރުވި ގޮންޖެހުންތަކާމެދު ހާސްވެވަޑައި ނުގަންނަވާ ކަމަށެވެ. އޭނާގެ ބޮލަށް ޖެހި ގޮނަކީ ގާނޫނީ ގޮތުން ސައްހަ ގޮނަކަށް އަދި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހާހެއް ނުވޭ އެކަމަކާ. އެއީ އަދި ގާނޫނީ ގޮތުން ނިމިފައި އޮތް ކަމެއް ނޫން،" އެތަކެއް ނުރުހުންތަކުގެ ތެރެއިން މިހާރު ވެސް އޮފީހަށް ނުކުމެ ވަޑައިގެން ކޮންމެ ދުވަހަކު ސޮއި ކުރައްވާ އުމައިރާ ވިދާޅުވި އެވެ.

އުމައިރާގެ ގޮނޑީގެ މައްސަލަ ނިމި އަލުން އިންތިހާބު ބާއްވަން ޖެހިއްޖަނަމަ ގޮނޑިއަށް ވާދަ ކުރެއްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާކަށް އުމައިރާ ބޭނުން ފުޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވަނީ "އެއީ ޕާޓީ ސައިޑްގެ ކަމެއް" ކަމަށެވެ. ނަމަވެސް އެއް ވާހަކައެއް ވިދާޅުވި އެވެ؛ އެއީ ކަމަކުން ކުރެ ކަމަކާ ނުލައި އެންމެންގެ ދޫ މައްޗަށް އޭނާގެ ނަން ގެންދިއުމުން ވަރަށް ލަދުގެންފައިވާ ވާހަކަ އެވެ.

"ހުރިހާ ހަބަރެއްގައި އަޅުގަނޑުގެ ވާހަކަ. އަޅުގަނޑުގެ ފޮޓޯ. ހުރިހާ ދިމާއަކުން، އަބަދު އަބަދު އަޅުގަނޑުގެ ނަން. އެކަމާ އަޅުގަނޑު ވަރަށް ލަދުގަތް، ހަމަ ވަރަށް ބޮޑަށް ލަދުގަތް. އެ ތަޖުރިބާތައް އުމުރަށް ވެސް ހަދާނުން ނުފިލާނެ، އަހަރެން މާ ބޮޑަށް މަޝްހޫރު ކުރީ ކީއްވެ؟" އޭނާ ވިދާޅުވި އެވެ. ހަމަ ހަގީގަތުގައި ވެސް އުމައިރާގެ ނަން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. މިދުވަސްކޮޅު ހިނގާ ނަމަކީ އުމައިރާ އެވެ.