ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ނަމުގައި މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން މިމަހުގެ 12 ވަނަ ދުވަހު ބާއްވާ ފެއާ ޝަރުފުވެރިކޮށްދެއްވުމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ޓީޓީއެމަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ އެވެ. އެ ފެއާ ކުރިއަށް ދާނީ މިމަހުގެ 12 އިން 13ގެ ނިޔަލަށެވެ.

އެ ފެއާގައި ހިނގާ ހަރަކާތްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އަދި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ފަރާތްތަކުން ކަންކަމާ މެދު މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވީ "ބީއެމްއެލް ހޮޓަލިއާ ސަމިޓު" ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް "ޓޫރިޒަމް ކެރިއާ ފެއާ" އަދި ޕެސިފިކް އޭޝިއާ ޓޫރިޒަމް އެސޯސިއޭޝަން (ޕާޓާ)އާ މަޓާޓޯ ގުޅިގެން ބާއްވާ ޕާޓާ އެކެޑެމީ ހިމެނެއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން އެ ފެއާގައި ބައިވެރި ވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސް އިން ބުނި ގޮތުގައި އެ ފެއާގެ މަގުސަދަކީ 2020 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަދި އެ އަހަރާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އެރުވުމަށް މަސައްކަތް ކުރުމެވެ.