04 Jul 2017, 15:09
ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާން އެގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ 10 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މައްސަލައެއް ވައްދާފައިވާ ދަނޑިވަޅެއްގައެވެ.
މުއާޒު ވިދާޅުވީ، ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުފުޅުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށް ދެއްވުމުގައި އެހީތެރިކަން ހޯއްދެއްވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ޔާމީން "އާދޭސް" ދަންނަވާފައި އެބަހުރި ކަމަށެވެ.
"ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެމްބަރުންގެ އަރިހުން އާދޭސް ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، މި ރައީސް އަކީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސް އެއް ނޫން ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ތަރުޖަމާން ވިދާޅުވިއެވެ.
މުއާޒު މިހެން ޓްވީޓްތަކެއް ކުރައްވާފައިވާއިރު، މީގެ ކުރިން ނެގި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގެ އިނގިލި ސަރުކާރުން ދިއްކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ އިސް ވެރިންގެ މައްޗަށެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ވަނީ ސަރުކާރުން ވަނީ އެ ތުހުމަތު ތަކެއް ކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވެއްދި ރައްޔިތުން މަޖިލީހުގެ ރައީސްގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
އޭގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވެސް ހިމެނެއެވެ.