04 Jul 2017, 14:50
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ހެއްކާއި ގަރީނާ ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މަޖިިލިސް މެމްބަރުންނަށް ރިޝްވަތުދޭން އުޅޭ ކަމުގެ ޝަކުވާތައް ފުލުހުންނަށް އަންނަނީ ލިބެމުން ކަމަށެވެ.
މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ލ. ފޮނަދޫ ސްވީޓް ފްލާވަރ، އަހްމަދު ޝާފިއު، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޚުވިއެވެ. ޝާފިއު އަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މީހެކެވެ.
ޝިފާން ވިދާޅުވީ ރިޝްވަތުގެ މައްސަލަތައް ބެލުމުގައި ފުލުހުން އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.